ހއ. ކެލާ ކައުންސިލްގެ ރައީސް ކަމަށް ހޮވިއްޖެ ނަމަ މިސްކިތްތަކުގެ އޭސީ އޮންކޮށްދޭނެ ކަމަށް ހއ. އަތޮޅު ކައުންސިލްގެ ޕީޕީއެމް މެންބަރު އަބުދުﷲ އިންފާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
އިންފާޒް މިހެން ވިދާޅުވީ، ކެލާގައި، ޕީޕީއެމްގެ "އާންދޮގޭ، އެންމެންގެ ވޯޓު ރުކަށް" ގެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުންނެވެ.
އެގޮތުން އިންފާޒު ވިދާޅުވީ އޭނާ އަކީ "މިސްޓާ އޭސީ" ކަމަށާއި ކައުންސިލް ރައީސް ކަމަށް އިންތިހާބު ވެއްޖެނަމަ މިސްކިތްތަކުގެ އޭސީ އޮންކޮށް ދޭން ވީ ވައުދު އަކީ ފުއްދޭނެ ވައުދެއް ކަމަށެވެ.
މިދިޔަ އަހަރު ވެސް ކެލާ ކައުންސިލްގެ ބަޖެޓުން ބައި މިލިއަން ރުފީއާއަށް ވުރެ ގިނައިން ބާކީވިކަން ފާހަގަ ކުރައްވާ އިންފާޒު ވިދާޅުވީ ބަޖެޓް ކޮންޓްރޯލް ހަދައިގެން އެއް ކޯޑުން އަނެއް ކޯޑަށް ފައިސާ ބަދަލު ކުރެވޭކަން އެނގޭނީ އެކަން ކުރާ މީހަކަށް ކަމަށެވެ.
އިންފާޒް ވިދާޅުވި ގޮތުގައި ކެލާގެ މިސްކިތެއްގައި ފުރަތަމަ އޭސީއެއް ހަރުކުރީ ވެސް އޭނާގެ ދައުރުގައި ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީ އާއެކު ކަމަށެވެ.
އެހެންކަމުން ކެލާގެ ކައުންސިލްގެ ރާއިސްކަން ކުރި ފާރާތްތަކުގެ ތެރެއިން އޭނާއަކީ "މިސްޓާ އޭސީ" ކަމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވާ އިންފާޒު ވަނީ ވިދާޅުވެފައެވެ.