ކޮވިޑާ ގުޅިގެން ރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކާ ގުޅޭ ކޮރަޕްޝަން މައްސަލައިގައި ދައުވާ ނުކުރާނެ ކަމަށް ޕީޖީން ބުނުމުން އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އެ މައްސަލަ ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ވެންޓިލޭތަރުގެ ކޮރަޕްޝަން މައްސަލައިގައި މިއަދު ރައީސް އޮފީހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، ދިވެހި ދައުލަތާ ރައްޔިތުންގެ ހައްގުތައް ނަގަހައްޓައި އެ ހައްގުތައް ކަށަވަރު ކުރުމުގައި، ކަމާބެހޭ މުއައްސަސާތަކުން ކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ކަމަށެވެ.

އެގޮތުން ދައުލަތުން އުފުލާ ދައުވާތަކުގެ ކަންކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި، ދައުލަތުގެ ބަންޑާރަ ނައިބަށް މުސްތަގިއްލުކަން ގާނޫނު އަސާސީން ދީފައި ވަނީ އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއް އަދި ޒާތީ ތައައްސުބެއް ނެތި މިނިވަން ކަމާއި، އަދުލުވެރި ކަމާ އެކު ދައުވާތައް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިފަދަ އުސޫލުތައް ނަގަހައްޓައި، އެންމެހައި މީސްތަކުންގެ ހައްގުތައް ރައްކާތެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީއިން ލާޒިމް ކުރާ ކަމެއް ކަމާށް ވެސް އެ އޮފީހުން ބުނެއެވެ.

ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ހޯދަން ބޭނުންވާ ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވި ވެންޓިލޭޓަރުތައް އަވަހަށް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ހިންގި މުއާމަލާތްތަކާ ގުޅޭގޮތުން "ކޮވިޑް-19 އާ ގުޅޭ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް - މިނިސްޓްރީ އޮފް ހެލްތް" ގެ ނަމުގައި އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ކޮރަޕްޝަންއަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަަމަށް ވަނީ ފާހަގަ ކޮށްފައެވެ. އެ މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށް އަމަލުކޮށްފައި ވޭތޯ ބެލުމަށް ސަރުކާރުން އިސްވެ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި، އަދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހިގޫގު ކުރުމަށް އަންގާފައެވެ.

އެގޮތުން، އެ މައްސަލައާ ގުޅިގެން، ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވޭތޯ ބެލީ، ގާނޫނު އަސާސީއިން އެކަން މަތިކޮށްފައިވާ މުސްތަގިއްލު ކޮމިޝަން، "އެންޓި-ކޮރަޕްޝަން ކޮމިޝަން" އިންނެވެ.

ވެންޓިލޭޓަރުތައް ގެންނަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. އެހެންކަމުން އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފައެވެ. ނަމަވެސް ފަހުން އަނެއްކާވެސް ޕީޖީން ވަނީ އެ މައްސަލައިގައި ޕީޖީގެ ނިންމުން ބަދަލު ކުރަން ޖެހޭ ކަމަށް ނުފެންނަ ކަމަށް ބުނެ އޭސީސީއަށް އެކަން އަންގާފައެވެ.

މި މައްސަލައާ ގުޅިގެން ޕީޖީއާ ދެކޮޅަށް އެތައް ބަޔަކު އަޑުއުފުލަމުން އަންނަ އިރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕީޖީ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.