ޅ. ފެލިވަރުން 66 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޅ އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައި ވާ މައުލޫމާތުން ދައްކާގޮތުގައި ފެލިވަރުން މިހާތަނަށް 104 ސާމްޕަލެއް ވަނީ ނަގާފައެވެ. އޭގެ ތެރެއިން 88 ސާމްޕަލްގެ ނަތީޖާ ލިބިފައި ވާއިރު 66 ސާމްޕަލް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.

އޭގެ ތެރެއިން 22 މީހެއްގެ ސާމްޕަލް ނެގަޓިވް ވެފައި ވާއިރު 16 މީހެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް މައުލޫމާތު ލިބެއެވެ.

ފެލިވަރު މޮނީޓަރިން ހާލަތަށް ލާފައިވަނީ އިއްޔެއެވެ.

ފެލިވަރު މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށް އެޗްޕީއޭއިން ބުނެފައި ވަނީ، ފެލިވަރުން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވާތީ، މާޗް 1. 2021 ގެ ފަހުން އެރަށުގައި އުޅެފައި، އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއް ވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށެވެ.

މިހާރު މޮނިޓަރިން ހާލަަތަށް ބަދަލުކޮށްފައި ހުރި ރަށްތަކުގެ އަދަދު މި ވަނީ 13 އަށް އަރާފައެވެ. އެއީ ރ. އުނގޫފާރު، ރ. މަޑުއްވަރީ، ރ. ހުޅުދުއްފާރު، ޅ. ނައިފަރު، ޅ.ފެލިވަރު ކ. ހުރާ، ކ. ދިއްފުށި، އދ. ފެންފުށި، އއ. ތޮއްޑޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ދ. މީދޫ އަދި ގއ. ވިލިނގިލިއެވެ.