ތިކީގެ ވާހަކަ މާ ގިނައިން ދައްކާތީ އަޅުގަނޑަށްވެސް ބާރު ކޮށްފިއެވެ. އެހެންޏާ އަޅުގަނޑަކީ ތިއްކަށް ވަރަށް ބަލާވެސް މީހެކެވެ. އަދި ތިކީގެ ކަންކަމުގައި ވަރަށް ސީރިއަސް ވެސް މީހެކެވެ. އެހެން ވީމާ ތިކި އޮންނަން ވާތަން ނުވެސް އޮޅޭމެއެވެ. ނަމަވެސް ތިކީގެ ކަންތަކުގައި ގޮތް ދޫކުރަން ޖެހުނު ހިސާބުން ފަށާނަމެވެ.

"ބޮޑެތި ނޫސްތަކުގައި ތިއްކެއް ނުލިޔާނެ، ރިޟްވާން ކިޔަސް، ޣަނީ ކިޔަސް، ޚަބަރު ކިޔަސް ތިއްކެއް ނޯންނާނެ، އެއީ މިހާރުގެ ސްޓައިލް" ސަރުކާރުގެ 2 އޮފީހެއްގެ ވެރިން އަޑަށް ބާރުލައްވާފައި ވިދާޅުވިއެވެ. އެ 2 ބޭފުޅުން އެހެން ވިދާޅުވީ، ރާއްޖޭގައި ނެރެމުން ދާ ނޫސްތަކުގެ ލިޔުންތަކާ ގުޅޭގޮތުން ކޮފީ މޭޒުގައި އޮތް ބަހުސެއްގައެވެ.

އަޅުގަނޑު ދުލެއް ނުކުރަމެވެ. "ދެން ރިޟްވާނަށް ރިލްވާން، ޣާޒީ އަށް ގާޒީ، ގާޒީއަށް ވެސް ގާޒީ، ޚަބަރަށް ހަބަރު، ހަބަރަށް ވެސް ހަބަރު، ޝަރީފަށް ސަރީފު ކިއީމާ ހާދަ ހުތުރޭ" އަޅުގަނޑު ބުނީމެވެ.

"އެއީ މިހާރު މެއިންސްޓްރީމް މީޑިއާ އޮތް ގޮތް" އެތަނުން 1 ބޭފުޅަކު ވިދާޅުވިއެވެ.

"އުހުން، ޝަރީފަށް ކިޔާނީ ހަމަ ޝަރީފު، ބޮޑު ޝީނު އޮންނާނީ" ދެވަނަ ބޭފުޅާ ވިދާޅުވިއެވެ.

އަޅުގަނޑަކީ މާ ނޫސްކިޔާ މީހެއް ނޫނެވެ. މަތިމަތިން ސުރުހީތައް ކިޔާލިޔަސް ލިޔުންގަނޑު ކިޔާ ހިތް ނުވަނީ ބަހުގެ ހަމަތަކަށް ފައްތައިގެން ތިކި ޖަހައިގެން ނުލިޔާތީއެވެ. އެވާހަކަ ބުނުމުން އެ 2 ބޭފުޅުން އިތުރަށް ގަދަ ކުރެއްވިއެވެ. ރާއްޖޭގައި ގާނޫނީ ދާއިރާގައި އުޅުއްވާ ފުންނާބު އުސް ބައެއް ބޭފުޅުންވެސް ތިކި ނުޖައްސަވާ ކަމަށާއި އާންމުން ވާހަކަ ދައްކާ އުޅޭ އިރުވެސް ތިިކިތައް ހަމައަށް ބޭނުން ނުކުރާ ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ބައެއް ޕްރޮފެސަރުންވެސް ތިއްކާ ބީރައްޓެހި ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

އެ 2 ބޭފުޅުން އެ ދެއްކެވި ވާހަކައެއް ދައްކަވާފައި ވަޑައިގަތީއެވެ. އަޅުގަނޑު ދިޔައީ ދަރިފުޅު ބަލައި ސްކޫލު ދޮށަށެވެ.

"ތިކި ނެތުން އެއީ ވަރަށް ބޮޑު މައްސަލައެއް، ސްކޫލު މަދަރުސާތަކުގައި ގިނަ ކުދިން ދިވެހިން ފާސް ނުވޭ، ރަނގަޅަށް ތިކި ޖަހައިގެން ލިޔާކަށް ނޭނގެ، ސުވާލު ކޮށްލީމާ ބުނާނެ ނޫސްތަކުގައި ވެސް ނުހުރޭ، މިސް ބުނެގެން ކިޔަނީ ނޫސްތަކޭ، ދިވެހި ފަރިތަކުރަން" އެ ސްކޫލުގެ ޕްރިންސިޕަލު ވިދާޅުވިއެވެ. ދަރި ބަލާ ދިޔަ ވަގުތު ދިމާވީ ޕްރިންސިޕަލާއެވެ. އެއީ ދުވަސް ވީ އެކުވެރިއެއް ކަމުން އޭނާގެ ކުރި މައްޗަށް ތިކި މައްސަލަ ބަންޑުން ކޮށްލީއެވެ.

އޭނާގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، ގިނަ ދަރިވަރުން ބަސް ފަރިތަކުރަން ނޫސްތައް ކިޔާ ކަމަށާއި، ބައެއް ނޫސްތަކުގައި ބަސްތައް ފުރޮޅާފައި ހުންނަލެއް ގިނަ ކަމުން އެ ދަރިވަރުންނަށްވެސް އޮޅޭ ކަމަށެވެ.

"އޮވެދާނެ ލިޔެފަ، ގަހަކުން ޖެހުމުގެ ސަބަބުން މީހަކަށް އަނިޔާ ވެއްޖެ" ޕްރިންސިޕަލް ވިދާޅުވިއެވެ.

އެއީ ތެދެކެެވެ. ގަހަކީ އޭގެ ޒާތުގައި އަތްފައި ހުންނަ އެއްޗެއް ކަމުގައި ނުވާ އިރު ގަހުގައި ޖެހެން ވާނީ މީހާއެވެ. އެތާނގައި އޮންނަން ވާނީ "ގަހެއްގައި ޖެހުމުގެ ސަބަބުން މީހަކަށް އަނިޔާވެއްޖެ" ކަމަށް ޕްރިންސިޕަލަށް ދެންނެވީމެވެ.

ޕްރިންސިޕަލްގެ ވާހަކައިން ސާފުވި އަނެއް ކަމަކީ ގިނަ ދަރިވަރުން ދިވެހިން ފާސް ނުކުވުމުގައި އެ ދަރިވަރުންގެ އުމުރުފުރައާއި ވާހަކަ ދައްކާ އުޅޭ ގޮތާއި، ލިޔެ އުޅޭ ގޮތް، ދިވެހި ފިލާވަޅުތަކުގައި ހުންނަ ގޮތްތަކާއި ހަމަތަކާއި ދިމާނުވުން މުހިންމު ދައުރެއް އަދާ ކުރާ ކަމެވެ.

އާންމު ބަހުރުވާގައި ތިކި ޖެހި ތާނަ ބޭނުން ކުރުން އުވިދާ އިރު ދަރިވަރުންނަށް ވެސް ދަސްވެ، އަދި ދަސްވަމުން ދަނީވެސް ތިއްކާ ނުލައި އުޅޭށެވެ. ނަމަވެސް ދިވެހި ޕޭޕަރު މާކު ކުރަން ތިބެނީ އިހުގެ މުސްކުޅިން (އޯލްޑްސްކޫލް) ކަމަށް ވުމުން، ދަރިވަރުންގެ ޕޭޕަރުގެ ދެފޮޅުވަތް ދޭތެރެއިންވެސް ހަމަ ގެއްލިފައި އޮންނަތަން އެމީހުންނަށް ފެނެއެވެ. 10/10 އެއް ލިބެން އޮންނަ ސުވާލަކަށްވެސް އެމީހުންގެ އަތް ދޮށުން ލިބޭނީ ގިނަވަގެން 10/4 އެވެ. މިއީވެސް ހަމައަކަށް އަޅުވަން ޖެހިފައި އޮތް ބޮޑު މައްސަލައެކެވެ. މި މައުޟޫގައި އެހެން ދުވަހަކުން ލިޔާނަމެވެ.

"ތިކި އޮންނަން ވާނެ، އެއީ ބަހުގެ އެންމެ މުހިންމު އެއް އަސާސް، ޔަގީންތާ ފާހެއް ނުވާނެ، އެކަން ފުރިހަމަ ނުވެ" ދަރިވަރުން ދިވެހިން ފާސް ނުވާ ސަބަބާ ގުޅިގެން މާލޭގެ ސްކޫލެއްގެ ދިވެހި ޓީޗަރަކާ ސުވާލު ކުރުމުން ބުންޏެވެ.

އަޅުގަނޑުގެ ދިވެހި މުދައްރިސްވެސް ވިދާޅުވަނީ ހަމަ އެގޮތަށެވެ. ތިކި އެއީ "މަސްޓެއް" ކަމަށެވެ.

"އެކަމަކު މިހާރު ތިކި އެހާ މުހިންމެއް ނޫނެން ނޫންތޯ، މިސާލަކަށް ގައުމު، ހިޔާލު، އަލީ، މުހައްމަދު ކިޔާ އިރުވެސް މީހުން އެހާ މަހުރަޖުން ކިޔާ ނޫޅޭ ނޫންތޯ" މުދައްރިސަށް އަޅުގަނޑު ދެންނެވީމެވެ.

"އާނ ތިކަންވެސް އެބަ އޮތް، ދެން ބަޔަކު އެހެން ބޭނުން ކުރިޔަސް އެއީ ދިވެހި ގޮތެއް ނޫން" މުދައްރިސް ވިދާޅުވިއެވެ.

"ބަޔަކު ނޫން ދެއްތޯ، ގިނަ ބަޔަކު ތިކި ނުޖަހާ ނޫންތޯ" އަޅުގަނޑު ބުނީމެވެ.

އަޅުގަނޑުގެ ބޭނުމަކަށް ވީ، ކުޑަ ދެބަސް ވުމަކުންވެސް ހަމައެއް ހޯދާށެވެ. އެ ހަމައަކީ، ދިވެހި ބަހުގައި ކޮންމެހެން ތިކި ނެތަސް ފުދޭ، އަދި ކޮންމެހެންވެސް ތިކި އޮންނަން ޖެހޭނެ ކަމަށް މުދައްރިސަށް ގަބޫލު ކުރެއްވޭ އަކުރުތަކެއް ހޯދުމެވެ.

"ޝ އާއި ޣ އަދި ޟ ގަ ކޮންމެހެންވެސް އޮންނަން ވާނެ، ދެން ހުރި އަކުރުތައް ބެލެވިދާނެ އަޑުތައް މަސްހުނި ކަމަށް" މުދައްރިސް ވިދާޅުވިއެވެ.

އަޅުގަނޑަށްވެސް ގަބޫލު ކުރެވެނީ އެއް އަކުރެއްގައި ތިއްކެއް ނެތަސް އެ 3 އަކުރުގައި ކޮންމެހެންވެސް ތިކި އޮންނަން ވާނެ ކަމަށެވެ. އެ އަކުރުތައް ފިޔަވައި މަހުރަޖުގެ އަކުރުތަކުގައި ތިކި ނުޖެހިޔަސް މިހާރުގެ ޖީލާއެކު ކުރިއަށް ދެވިދާނެ ކަމަށް އަޅުގަނޑު ބުނީމެވެ.

ތިކި އަކުރުތަކަކީ އަރަބި ބަހުގެ ބައެއް އަކުރުތައް ދިވެއްސައް ވެއްދުމުގައި ބޭނުން ކުރާ އަކުރުތަކެއް ކަމަށް ވިޔަސް، އިހުގެ ލިޔުންތަކާ ހިލާފަށް މިހާރުގެ ލިޔުންތަކުގައި އަރަބި ލަފްޒުތައް ބޭނުން ކުރާލެއް ބޮޑުތަނުން މަދެވެ. އަމުދުން މިހާރު އެއްގޮތަކަށްވެސް ނުހުރެއޭ ބުނިއްޔާ މާ ރަނގަޅުވާނެއެވެ. އަދި އެ ލަފްޒުތައް ބޭނުން ނުކުރިޔަސް އަޅުގަނޑުމެނަށް ލިޔެ، ކިޔައިގެން އުޅޭކަށް ދައްޗެއްވެސް ނޫނެވެ.

ރާއްޖޭގައި ހިންގާ ބައެއް ނޫސްތަކުގެ އިސް ބައެއް ވެރިންވެސް ގަބޫލު ކުރަނީ "މީ ތިކީގެ ޒަމާން" ނޫން ކަމަށެވެ. އަދި އެ ތަންތާނގައި މަސައްކަތް ކުރާ ގިނަ ޖާނަލިސްޓުންނަށްވެސް ތިކިތައް އޮޅޭ ކަމާއި، ނުބައި ތަންތާނގައި ތިކި ޖެހުމަށް ވުރެ، އާންމު ބަހުރުވައިގައި، މީހުން ވާހަކަ ދައްކާ އުޅޭ ގޮތަށް ލިޔުނިއްޔާ އައިބުވުން ކުޑަވާނެ ކަަމަށް އެމީހުން ގަބޫލު ކުރެއެވެ. މީގެ އިތުރުން ނޫސްތަކަކީ ދިވެހި ބަސް ކުރިއަރުވާ، ބަހުގެ ހަމައަށް ފައްތާފައި އޮންނަ އެއްޗެއް ނޫން ކަމަށާއި، އެއީ އާންމުން ވާހަކަ ދައްކާ އުޅޭ ގޮތަށް، ނޭވާލަމުން ކިޔޭ ގޮތަށް ލިޔެފައި އޮންނަ އެއްޗެއް ކަމަށް ބުނެއެވެ. އަދި އެމީހުން ލަފާ ދެނީ ބަސް ކުރިއަރުވަންޏާ ފަތްތޫރަ ކިޔާށެވެ.

އެއީވެސް ތެދެކެވެ. ވަރަށް ގިނައިން ޚ އަދި ޙ، ށ އަދި އ ސުކުން ބައެއް ނޫސްތަކުގައި އޮޅިފައި ހުރެއެވެ.

ތިއްކާ މެދު އުފެދިފައިވާ އަރާރުން ނިންމާ ކޮޅެއްގައި ޖައްސަން މަސައްކަތް ކުރާ އިރު ސުކުން ކުރާ އަކުރުތަކުގެ މައްސަލަވެސް ހައްލު ކުރަން ޖެހެއެވެ. ދިވެހި ވަރަށް ގިނަ ލިޔުންތަކާއި ފޮތްތަކާއި އަދި އެންމެން ގެންގުޅޭ އައިޑީ ކާޑުތަކުގައިވެސް، ސުކުން ޖަހަން ނުޖެހޭ އެތައް އަކުރެއްގައި ސުކުން ޖަހާފައި އޮވެއެވެ. އެއީވެސް އާންމު ކަމެއް ކަމަށް ބަލައިގެން ތިއްކާ އެކު ދޫކޮށްލަން ވަރިހަމަ ވިޔަސް ކޮންމެވެސް ހަމައެއް އަޅަން ޖެހެއެވެ.