ޅ. ނައިފަރަށް އަރާ ފޭބުން މަނާކޮށް މޮނިޓަރިން ހާލަތަށް ބަދަލު ކޮށްފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ނައިފަރު ކައުންސިލް ނައިބް ރައީސް މުހައްމަދު ޝާހިދު އަބްދުالله ވިދާޅުވީ އެރަށުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކަކީ މިދިޔަ ހަފްތާ ބަންދުގައި ރ. އުނގޫފާރަށް ދިޔަ ނަރުހެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އެ ނަރުސް ގިނަ މީހުންނާ ވަނީ ކޮންޓެކްޓް ވެފައެވެ. އަދި އެ ކޭސް އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ހޮސްޕިޓަލް މިހާރު ބަންދު ކޮށްފައި ވާ ކަމަށް ވެސް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވީ ޕޮޒިޓިވްވި ދެ ވަނަ މީހާއަކީ އެރަށު ހޯމަ ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ. އަދި އެމީހާ ޕޮޒިޓިވް ވެފައި ވާކަން އެނގިފައި ވަނީ ކަރަންޓީންގެ މުއްދަތު ނިންމުމަށް ފަހު ނެގި ސާމްޕަލުން ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ރ. އުނގޫފާރުން ކޮވިޑް ކޭސްއެއް ފެނުމާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހުން ފެށިގެން އެރަށަށް ދަތުރު ކޮށްފައި ވާ މީހުން ރިޕޯޓު ކުރުމަށް ވަނީ އެދިފައެވެ.
މިފަހަކަށް އައިސް، އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވް ވަމުން ދާ މިންވަރު އިތުރު ވަމުން ދާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.