ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޖަހާ ވެކްސިން ބޭނުން ކުރުމުގެ ސަބަބުން ހާލު ސީރިއަސް ވާ މީހުންނަށް މާލީ ބަދަލު ދިނުމުގެ ގޮތުން، 2.4 މިލިއަން ޑޮލަރުގެ ކޮމްޕެންސޭޝަން ފަންޑެއް އެކުލަވާލާފައި ވާ ކަން، މެލޭޝިއާއިން ހާމަ ކޮށްފިއެވެ.
މެލޭޝިއާގެ ފްރަންޓްލައިންގައި ހިދުމަތް ކުރަމުން އަންނަ މީހުންގެ ތެރެއިން 430000 މީހަކަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައި ވާ ކަމަށް ހަބަރު ލިބެއެވެ.
މާޗް 18 ވަނަ ދުވަހުގެ ނިޔަލަށް މެލޭޝިއާގައި ބޭނުން ކުރަމުން ދިޔައީ ފައިޒާ/ބައޮއެންޓެކްގެ ކޮވިޑް ވެކްސިނެވެ. ޗައިނާގެ ސީނޯވެކް ބައޮޓެކްގެ ވެކްސިން ތައާރަފު ކުރީ މާޗް 18 ވަނަ ދުވަހުއެވެ.
މެލޭޝިއާގެ ސިއްހަތާ ބެހޭ ވަޒީރު އަދާމް ބާބާ ވިދާޅުވީ، ވެކްސިން ޖެހުމުގެ ސަބަބުން ހާލު ސީރިއަސްވެ، ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭ މީހުންނަށް، 50000 ރިންގިޓް (12171 ޑޮލަރު) އާ ހިސާބަށް މާލީ ބަދަލު ހޯދުމަށް އެދެވިދާނެ ކަމަށެވެ. ނުވަތަ ވެކްސިން ޖެހުމުގެ ސަބަބުން ދާއިމީ ނުކުޅެދުންތެރި ކަމަކާ ކުރިމަތިލާން ޖެހި ނުވަތަ ވެކްސިންގެ ސަބަބުން މަރުވެއްޖެ ނަމަ، މާލީ ބަދަލުގެ ގޮތުގައި 500000 ރިންގިޓް ހޯދިދާނެ ކަމަށްވެސް ވަޒީރު ވަނީ އިއުލާން ކުރައްވާފައެވެ.
މާޗް 18 ވަނަ ދުވަހުގެ ނިޔަލަށް، ވެކްސިންގެ ސަބަބުން ހާލު ސީރިއަސްވި ކަމަށް 20 ކޭހެއް ރެކޯޑް ކޮށްފައި ވާ ކަމަށް އަދާމް ވިދާޅުވިއެވެ. ހާލު ސީރިއަސްވި މީހުންގެ ހަށިގަނޑުން ފެނުނު އަލާމާތްތަކުގެ ތެރޭގައި ނޭވާ ކުރުވުމާ، ހިތުގެ ހިނގުން އަވަސްވުން (ޕެލްޕިޓޭޝަން) ފަދަ އަލާމާތްތައް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
މެލޭޝިއާޣެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވަނީ، ކޮވިޑް-19 އިން ދިފާއުވުމަށް ހިންގާ ވެކްސިން ކެމްޕޭންގެ ބަޖެޓް، 2 ގުނަ އިތުރު ކުރައްވާނެ ކަން އިއުލާން ކުރައްވާފައެވެ. އެއީ، މިއަހަރުގެ ޑިސެންބަރު މަސް އަންނައިރު، އާބާދީގެ 80 ޕަސެންޓް މީހުންނަށް ވެކްސިން ދީ ނިންމުމަށް ކަމަށްވެސް ހަބަރު ލިބެއެވެ.