މިހާތަނަށް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރި އެއް ތަނަކީ އައްޑޫ ސިޓީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވެފައިވަނީ އެމްޑީޕީން އޮންލައިންކޮށް ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިންގައި ރޭ އައްޑޫގެ ކެންޑިޑޭޓުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި ކޮށްފައިވާ ހޭދައަކީ މާލެއަށް ސަރުކާރުން ކުރިހޭދަ އާއި ދާދި އެއްވަރެއްގެ އަދަދެއް ކަަމަށެވެ.

އެގޮތުން ސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީއަށް ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި 535 މިލިޔަން ރުފިޔާގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޕީއެސްއައިޕީން އެކަނި 535 މިލިއަން ރުފިޔާ މިދިޔަ ދެ އަހަރުގެ ތެރޭގައި އެކިއެކި ޕްރޮޖެކްޓުތަކަށް މިހާރު ހަރަދުކޮށް ނިމިއްޖެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް ވިދާޅުވީ ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަޝްރޫއުތަކުގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ މަޝްރޫއެއް ފަށާފައިވާ ކަމަށެވެ. އަދި ބާކީ ހުރި ހުރިހާ މަޝްރޫއެއް ކުރިއަށް އޮތް ދެތިން މަސް ތެރޭ ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން އައްޑޫ ސިޓީގެ ތަރައްގީގެ މަސައްކަތްތައް ނިމޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.