އީރާނާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭނެ ކަމަށް އެމެރިކާއިން ވެފައިވާ ވައުދުތަކަށް އިތުބާރު ނުކުރެވޭ ކަމަށާ، 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމަށް އީރާނުން ރުޖޫއަ ވާނީ، އެ ގައުމާ ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރަމުންދާ ހުރިހާ ފިޔަވަޅުތަކެއް އުވާލުކުން ކަމަށް، އީރާނުގެ ރޫހީ ލީޑަރު އާޔަތުއްލޯ އަލީ ހާމަނާއީ ވިދާލުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ދަނީ، ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުން، އަލުން ދިރުވާ، އާލާ ކުރެވޭނެ ގޮތްތައް ބަލަމުންނެވެ. 2018 ވަނަ އަހަރު، އެމެރިކާގެ އޭރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، މި އެއްބަސްވުން ދޫވެސްކޮށްލައްވާފައެވެ. އަދި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރައްވާފައެވެ. މިކަމަށް އީރާނުން ރައްދު ދެމުން ދިޔައީ، އެއްބަސްވުމުން އީރާނަށް ލާޒިމު ކުރި ކަންކަމަށް، ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފުރަގަސްދެމުންނެވެ.

ދައުލަތުގެ ޓީވީ މެދުވެރި ކުރައްވާ ވާހަކަދައްކަވަމުން ހާމަނާއީ ވިދާޅުވީ، ބަރާކް އޮބާމާގެ ވެރިކަމުގައި އީރާނުގެ އިތުބާރު އެމެރިކާއަށް އޮތް ކަމަށެވެ. އޮބާމާގެ ވެރިކަމުގައި، އީރާނަށް އަދާ ކޮށްދޭން ޖެހޭ ހުރިހާ ކަމެއް އަދާ ކޮށްދިން ކަމަށް ހާމަނާއީ ވިދާޅުވިއެވެ. ނަމަވެސް ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލާނެ ވާހަކަ އޮތީ ލިޔުމުގައި ކަމަށާ، އަމަލީ ގޮތުން އެފަދަ ކަމެއް ނުވާ ކަމަށް ހާމަނާއީ ވިދާޅުވިއެވެ.

ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލި ކަމަށް ކަރުދާހުގައި އޮތް އިރު، އިރާނަށް އަންނަ އިންވެސްޓަރުންނަށް ބިރު ދައްކާ ކަމަށްވެސް ހާމަނާއީ ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި އީރާނާ މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރެވެން އޮތީ، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާ، އެކަން ކަށަވަރު ވުމުން އެކަނި ކަމަށްވެސް ހާމަނާއީ ވަނީ ވިދާޅުވެފައެވެ.