މިއަދު 140 މީހަަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 102 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 14 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ވި 17 މީހަކާއި ހަދަމުންދާ ރަށަުން ޕޮޒިޓިވްވި މީހަކާއި ލިވާ ބޯޑުން ޕޮޒިޓިވްވި 6 މީހުން ކަމަށެވެ.
މިއަދުގެ ކޮވިޑް އަޕްޑޭޓު:
މިއަދު ޕޮޒިޓިވްވި އަދަދު: 140
ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު: 95
ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 22،513
ކޮވިޑް އެކްޓިވް ކޭސް: 2436
ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 20،004
ކޮވިޑް މަރުގެ ޖުމްލަ އަދަދު: 66
ކޮވިޑް ބަލީގައި މިހާތަނަށް 66 މީހުން މަރުވެފައި ވާއިރު މި މަހުގެ ތެރޭގައި މި ބަލީގައި ވަނީ ހަތަރު މީހަކު މަރުވެފައެވެ. ފުރަތަމަ މީހާ މަރުވެފައި ވަނީ މިމަހު ތިން ވަނަ ދުވަހެވެ. އެ މީހާ އަކީ މަރުވެފައި އޮއްވާ އައިޖީއެމްއެޗްއަށް ގެންދިޔަ ފަހުން ހެދި ކޮވިޑް ޓެސްޓުން ޕޮޒިޓިވް ކަން އެނގިފައިވާ މީހެކެވެ. އެއާއެކު އޭނާ މަރުވީ ކޮވިޑުގައި ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ދެވަނަ މީހާ މަރުވީ މިމަހު ހަތަރު ވަނަ ދުވަހެވެ. އެއީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.
ތިން ވަނަ މީހާ މަރުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ އުމުރުން 79 އަހަރު އަންހެނެކެވެ. އަދި ހަތަރު ވަނަ މީހާ މަރުވެފައިވަނީ ރޭގެ ވަގުތެއްގައެވެ. އެއީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށާއި މަރުވެފައިވާ ކަމަށް ނިންމާފައި ވަނީ ރޭ 8:45ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.