ފ. ނިލަންދޫން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ މާލެއިން އެރަށައް ގޮސް ކަރަންޓީންގައި ހުރި އަންހެނެއް ކަމަށާއި އެމީހާ ޕޮޒިޓިވް ވެފައި ވާކަން އެނގިފައި ވަނީ ކަރަންޓީންގެ މުއްދަތު ނިންމުމަށް ފަހު ނެގި ސާމްޕަލުން ކަމަށެވެ.

ޖަލީލް ވިދާޅުވީ އެމީހާ ކަރަންޓީނުގައި ހުރި އިރު ކަރަންޓީނާ ހިލާފަށް މީހަކަށް ބައްދަލުކޮށްފައި ވާ ކަމަށާއި އަދި އެމީހާގެ ކިބައިން ކޮވިޑްްގެ އަލާމާތްތައް މިހާރު ފެންނަމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް ރަށް އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ޖަލީލް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ކޭސްތައް އިތުރުވާން ފަށާފައި ވާއިރު، އިއްޔެ 81 މީހަކު ވަނީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 52 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 7 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ވި 22 މީހެކެވެ.

މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 22،373 އަށް އަރާފައެވެ.

މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 19،897 އަށް އަރާފައި ވާއިރު، ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 66 އަށް އަރާފައެވެ.