ބަންޑާރަ ގޯތި ދޫކޮށްގެންވެސް ކެލާ ޒުވާނުންނަށް ގެސްޓްހައުސް ދެއްވާނެ ކަމަށް ހއ. އަތޮޅު ކައުންސިލްގެ ޕީޕީއެމް މެންބަރު އަބުދުﷲ އިންފާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

އިންފާޒް މިހެން ވިދާޅުވީ، ހއ. ކެލާގައި، ޕީޕީއެމްގެ "އެންމެންގެ ވޯޓު ރުކަށް" ގެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުންނެވެ. އެގޮތުން އިންފާޒު ވަނީ ކެލާގެ ޒުވާނުންނަށް ގެސްޓްހައުސްގެ ވިޔަފާރި ކުރުމަށް ބިން ދޫކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

މިހާރުގެ ސަރުކާރުން ޒުވާނުންނަށް އެ ފުރުސަތު ނުދީފިނަމަ، އޭނާގެ ކައުންސިލަރު ކަމުަގއި، ބަންޑާރަ ގޯތި ދޫކުރައްވައިގެން ވެސް ޒުވާނުންނަށް ގެސްޓުހައުސް އެޅޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވާ އިންފާޒު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑު މި ވައުދުވަނީ ކެލާގެ ޒުވާނުންނަށް ގެސްޓްހައުސް ވިޔަފާރި ކުރުމަށް އަޅގަނޑުމެން ބިން ދޫކުރާނަމޭ، އެކަން އެގޮތަށް ސަރުކާރުން ނުކުރެވެންޏާ ބަންޑާރަ ގޯތި ދޫކޮށްގެންވެސް ގެސްޓުހައުސްހިންގޭނެ ގޮތް ހަދައިދޭނަން
ހއ. އަތޮޅު ކައުންސިލްގެ ޕީޕީއެމް މެންބަރު އަބުދުﷲ އިންފާޒް ރަޝީދު

އިންފާޒު އެހެން ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެލާ ދާއިރާގެ ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ ކެލާ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރު ހުސައިން ހަމީދު، މިމަހު 6 ވަނަ ދުވަހު ކެލާގައި އެމްޑީޕީގެ "ތަރައްގީއަށް ޖަންޕެއް" ގެ ނަމުގައި ބޭއްވި ޖަލްސާ ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ހަމީދު ވަނީ ކެލާގެ ރައްޔިތުންގެ ޖީބުތައް ފުރާލުމަށް ރަން ބިސް އަޅާ 12 ކުކުޅާއި 2 ހާ (ގެސްޓްހައުސް ހަދާ ބިން) ދޫކޮށްލައްވާ ކަމަށް ވިދާޅުވެފައެވެ. މި މަސްތެރޭ ދޫކުރާ ބިންތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ހަމީދު ވިދާޅުވީ މިއީ ޓޫރިޒަމަށް ހުޅުވިގެންދާ ދޮރުތަކެއް ކަމަށާއި ކެލާގެ ރައްޔިތުންގެ ޖީބުތައް ފުރާލާނެ ކަމަށެވެ. އަދި މީގެ އިތުރުން ކެލާގެ ދަނޑުބިން ބަހާ، ކެލާގެ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކާ، އޭގެ ހަމަ އަގު ހޯއްދަވައިދެއްވާނެ ކަމަށް ވެސް ހަމީދު ވަނީ ވިދާޅުވެފައެވެ.