މިއަދު އިތުރު 186 މީހަަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 151 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 20 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ވި 20 މީހަކާއި ލިވަބޯޑުން މީހެކެވެ.

މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 22،147 އަށް އަރާފައެވެ. މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު 121 އަށް އަރާފައި ވާއިރު ކޮވިޑް އެކްޓިވް ކޭސްގެ އަދަދު ވަނީ 2433 އަށް އަރާފައެވެ.

މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 19،642 އަށް އަރާފައި ވާއިރު، ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 65 އަށް އަރާފައެވެ.

މިއަދު މަރުވި މީހާއާއެކު މި މަހުގެ ތެރޭގައި މި ބަލީގައި ވަނީ ތިން މީހަކު މަރުވެފައެވެ. ފުރަތަމަ މީހާ މަރުވެފައި ވަނީ މިމަހު ތިން ވަނަ ދުވަހެވެ. އެ މީހާ އަކީ މަރުވެފައި އޮއްވާ އައިޖީއެމްއެޗްއަށް ގެންދިޔަ ފަހުން ހެދި ކޮވިޑް ޓެސްޓުން ޕޮޒިޓިވް ކަން އެނގިފައިވާ މީހެކެވެ. އެއާއެކު އޭނާ މަރުވީ ކޮވިޑުގައި ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ދެވަނަ މީހާ މަރުވީ މިމަހު ހަތަރު ވަނަ ދުވަހެވެ. އެއީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.