ޑްރަގް އޮޕަރޭޝަން ތަކުގައި ގެންގުޅޭ ކުއްތާގެ ރޯލް އިތުރަށް ފުޅާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ކުރީގެ ކުރީގެ ހޯމް މިނިސްޓާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު އެހެން ވިދާޅުވީ ފުލުހުންގެ އޮޕަރޭޝަންތަކުގައި ގެންގުޅޭ ކުއްތާއެއް ކަމަށްވާ 'ޝަކީރާ' މިއަދު މަރުވުމާ ގުޅިގެންނެވެ.

އުމަރު ވިދާޅުވީ ފުލުހުންގެ ކުއްތާ ސްކޮޑް ގެ 'ޝަކީރަާ' މަރުވެ، އެ ސްކޮޑް މަދުވަމުން ދާ ދިއުމާމެދު ހިތާމަ ކުރައްވާ ކަމަށެވެ.

އޭގެ އިތުރުން މަސްތުވާ އެއްޗެހިން މި ގައުމު ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތުގައި، ކުއްތާގެ ރޯލް އިތުރަށް ފުޅާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ އޮޕަރޭޝަން ވަރުގަދަ ކުރަން "ޑޯގް ސްކޮޑެއް" އުފައްދާ ކުއްތާތައް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުމަރުއެވެ.

ފުލުހުން ބުނީ ޝަކީރާ މަރުވީ ބަލިވެ އުޅުމަށް ފަހު ކަމަށެވެ. ޝަކީރާއަކީ ގޯލްޑެން ރިޓްރީވާ އެކެވެ.

ޑްރަގް އޮޕަރޭޝަން ތަކުގައި ބޭނުން ކުރާ އިތުރު ކުއްތާއެއް ވެސް މީގެ ކުރިން މަރުވެފައި ވާއިރު، އެ ސްކޮޑުގައި މިހާރު އޮތީ 15 ކުއްތާއެވެ.

ފުލުހުންގެ ގެންގުޅޭ ކުއްތާތަކުގެ ތެރޭގައި ތަފާތު ވައްތަރު ތަކުގެ ކުއްތާ ހިމެނެއެވެ. އެގޮތުން، ބެލްޖިއަމް މަލިނޮއިސް، ލެބްރެޑާ، ގޯލްޑެން ރިޓްރީވާ، ޗޮކްލެޓް ލެބްރޯޑް، ޕެޓިޑޭލް، ޖެކް ރަސްލް ހިމެނެއެވެ. މީގެ ތެރެއިން ފުލުހުން ދައްކާލާފައި ވަނީ، ބެލްޖިއަމް މަލިނޮއިސް، ދެ ލެބްރޭޑާ އަދި ލެބްރޭޑާ ޕެޓިޑޭލް މިކްސް އެކެވެ. އެއީ ބްލެކީ އާއި ސޭމް ގެ އިތުރުން ޓާރާއެވެ.