އައްޑޫ ލިންކު ރޯޑުން ހަންކެޑެ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގާ، އަނިޔާވި އަންހެން މީހާ މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި އަނިޔާވެ މަރުވެފައިވަނީ ސ. ހިތަދޫ، ސަންރީފު، ފާއިމަތު އަސްމާއެވެ.

އެ އެކްސިޑެންޓު ހިނގާފައިވަނީ އަސްމާގެ ދަރިފުޅު އައްޑޫ ހައި ސްކޫލަށް ގެންދިއުމަށް ފަހު އެނބުރި އޭނާ ދިރިއުޅެމުން ދިޔަ މަރަދޫ ފޭދޫއަށް ދަނިކޮށެވެ.

އަސްމާ މަރުވެފައި ވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

އެ އެކްސިޑެންޓުގައި އަސްމާއަށް ސީރިއަސް ބޮޑެތި އަނިޔާތެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އޭނާގެ މޭކަނޑިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށާއި އޭނާގެ ބޮލަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފަހަކަށް އައިސް މާލެ އާއި ބައެއް ރަށްރަށުގައި ހިނގަމުންދާ އެކްސިޑެންޓްތައް ވަނީ އިިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު 27 ގައި ޏ. ފުވައްމުލަކުގައި ހިނގި ކާރު އެކްސިޑެންޓްގައި އަނިޔާވި 2 މީހަކުވެސް ވަނީ މަރުވެފައެވެ.

އެ އެކްސިޑެންޓްގައި މަރުވެފައިވަނީ އަލީ އާމިލް އަހްމަދު (19އ) އާއި އަހުމަދު މުތީއު (24އ)އެވެ.