ރ. އަތޮޅުން ނެގި ކޮވިޑް ސާމްޕަލް 2 ދުވަސްވި އިރުވެސް މާލެ ނުފޮނުވި، ނަތީޖާ ލަސްވެ އާންމުން ޝަކުވާ ކުރަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝާހިދު ވިދާޅުވީ މާލެ އަށް ސާމްޕަލްތައް ނުފެނޮވިގެން، ނަތީޖާ ނުލިބިގެން ރައްޔިތުންގެ ޝަކުވާތައް ލިބިވަޑައިގަންނަމުން ދާ ކަމަށެވެ.

ސާމްޕަލްތައް ނުފޮނުވި ލަސްވެފައި ވަނީ ސާމްޕަލްތައް ފްލައިޓަށް ލާން ދާން އުޅުނު ލޯންޗުގެ އިންޖީނުގެ މައްސަލައެއް ޖެހިގެން ކަމަށް ރ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އިން ރ. އަތޮޅު ހޮސްޕިޓަލަށް ގުޅުމަށް މަސައްކަތް ކުރިނަމަވެސް ފޯނު ނަގާފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން އެޗްޕީއޭގެ ބަހެއްވެސް ނުލިބުނެވެ.

ރ. އަތޮޅު ރަށްތަކުގައި ކަރަންޓީނުގައި ތިބި މީހުން ބުނާގޮތުގައި ސާމްޕަލް ނެގިތާ މިހާރު 2 ވީ ކަމަށާއި އަދިވެސް ސާމަޕަލްތައް މާލެ ނުފޮނުވޭ ކަމަށެވެ.

މިފަދަ ޝަކުވާތައް މީގެ ކުރިން ވެސް އެކި އަތޮޅުތަކުގައި ކަރަންޓީނުގައި ތިބި މީހުންގެ ފަރާތުން ވަނީ ލިބިފައެވެ.

އެޗްޕީއޭ އުސޫލުގައިވާ ގޮތުން މާލޭގައި ހުރެފައި ރާއްޖެ ތެރޭގެ ރަށަކަށް ދާ ނަމަ، އެ ރަށެއްގައި 10 ދުވަސް ވާންދެން ކަރަންޓީން ވާން ޖެހެއެވެ. އަދި ކަރަންޓީން މުއްދަތު ނިމުމުން ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހެއެވެ. އެ ޓެސްޓުތަކުގެ ނަތީޖާ އާންމުކޮށް 72 ގަޑިއިރަށް ވުރެ ކުރިން ލިބޭނެ ކަމަށް އެޗްޕީއޭ ބުނެއެވެ.