ހއ. ދިއްދޫ އަމާންވެށީގައި ހޯމް ކަރަންޓީނުގައި ތިބި 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ހޮސްޕިޓަލްގެ މެނޭޖަރު އުސްމާން އަޝްރަފް ވިދާޅުވީ އަމާންވެށިން ޕޮޒިޓިވް ވެފައި ވަނީ 11 ކުދިންނާއި އެތަނުގައި އެކުދިން ބަލަހައްޓަން މަސައްކަތް ކުރާ 4 މީހުން ކަމަށެވެ.

ޕޮޒިޓިވްވި އެންމެންނަކީ ވެސް ކަރަންޓީނުގައި ތިބި ބައެއް ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އުސްމާނު ވިދާޅުވިއެވެ.

ދިއްދޫ އަމާންވެށިން ފުރަތަމަ ޕޮޒިޓިވް ކޭސް ފެނިފައި ވަނީ މިމަހު 12 ވަނަ ދުވަހުއެވެ. ޕޮޒިޓިވް ވެފައި ވަނީ އެތަނުގައި ހޯމް ކަރަންޓީނުގައި ހުރި ކުއްޖެކެވެ.

ދިއްދޫގައި ހަދާފައިވާ "އަމާން ވެށި" އަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 15 ކުއްޖަކު ބަދަލު ކުރީ މި މަހުގެ ކުރީކޮޅެވެ.

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ކޭސްތައް އިތުރުވާން ފަށާފައި ވާއިރު، އިއްޔެ 142 މީހަކު ވަނީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 112 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 19 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ވި 11 މީހެކެވެ.

މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 21،961 އަށް އަރާފައެވެ.

މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 19،519 އަށް އަރާފައި ވާއިރު، ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 64 އަށް އަރާފައެވެ.