އުތުރުތިލަފަޅު އެއްބަސްވުން ބާތިލުކުރުމަށް އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ވެފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު އެ ކޯލިޝަންގެ ގާނޫނީ ޓީމުން ހޯދަމުން އަންނަ ކަމަށާއި އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ޖޮއިންޓް ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތު ލިބިފައިވާ ކަމަށެވެ.
ހީނާ ވިދާޅުވީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނީ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށްފަހުގައި ކަމަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ޔޫޓީއެފް އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބުނާ ލިޔުމަކީ އެއްވެސް އަސްލެއް އޮތް ލިޔުމެއް ނޫން ކަމަށާއި އެއީ ޑްރާފްޓެއް ކަމަށް ވެސް ގަބޫލެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ޝަމާލްގެ އިތުރުން އެ އެއްބަސްވުމުގައިވާ މައުލޫމާތު ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް ޑިފެންސް މިނިސްޓްރީން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.
އެގޮތުން ދިވެހިރާއްޖެއާއި އިންޑިއާ އާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ދޮގު ލިޔެކިޔުންތަކެއް ކަމަށާއި ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
އެ ޑްރާފްޓް ކަމަށް ބުނާ ލިޔުމުގައި ބަޔާން ކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތު ކޮށްފައި ވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމި އޮންނާނެއެވެ. އޭގެ އިތުރުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިން ބޭނުން ނަމަ 2 ގައުމު އެއްބަސްވެ، ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާން ކުރެއެވެ.