އެއީ 17 މާޗް 2004 ވީ ބުދަ ދުވަހުގެ ރޭ 8:30 ހާއިރުއެވެ. އެނަމާ ބޯޓު ދަތުރު ކުރަމުންދިޔައީ 122 މީހުންނާއެކު ގއ. ވިލިނގިލިން ފުރައިގެން ގދ. ތިނަދޫއަށެވެ. މިއީ ވިލިނގިލީގައި އޮތް ފުޓުބޯޅަ މެޗެއްބެލުމަށް އެނބުރި ތިނަދޫއަށް ކުރި ދަތުރެވެ. ނަމަވެސް މި ދަތުރުވީ ބޯޓުގައި ދަތުރުކުރި 24 މީހުންގެ ފަހު ދަތުރަށެވެ.

މީގެ 17 އަހަރު ކުރިއަށް ދަމާ ހެއްޔެވެ. ދުވަހަކީ ރީތި ދުވަހެކެވެ. ދިވެހި ލީގަށް ކޮލިފައިވާން ޒޯން ހަތެއްގެ ތިނަދޫ މަސްވެރިންގެ ރޫހާއި، ވިލިނގިލީ މަސްވެރިންގެ ކްލަބް ވިލިނގިއްޔާއި ބައްދަލުކުރި މެޗު ނިމުމަށް ފަހު ޓީމުގެ ސަޕޯޓަރުން އެނބުރި ތިނަދޫއަށް ދިއުމަށް ބޯޓަށް އެރީ އިރު އޮއްސި 18:50 ހާއިރުއެވެ.

ދަތުރު ފެށިތާ ބައިގަޑި އެއްހާއިރު ވީތަނާ އެ ބޯޓުގެ އިންޖީނު ހުއްޓި، އިންޖީނަށް ދިމާވި މައްސަލަ ބެލުމަށްފަހު ފިލްޓަރު ބަދަލުކޮށް އަނެއްކާ ވެސް ދަތުރު ފެށިއެވެ. ހުރިހާ އެންމެން ވެސް ތިބީ ރަށަށް ދެވޭނެ އިރެއްގެ އިންތިޒާރުގައެވެ. ނަމަވެސް ރޭގަނޑު 08:30 ހާއިރު އެނަމާބޯޓާ 40 ފޫޓު ދުރުން ދަތުރު ކުރަމުންދިޔަ "އަރުތަ" ނަމަކަށް ކިޔާ ތިނަދޫ މަސް ދޯންޏެއްގެ މޯހިރުން އުފެދުނު ރާޅެއްގައި ޖެހި އެނަމާ ބޯޓު ބަންޑުން ޖެހުނެވެ.

އެނަމާ ބޯޓު ބަންޑުން ޖަހާލާފައި

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ބޯޓު ބަންޑުން ޖަހާލީ ގިނަ މީހުން ބޯޓުގެ މަތީގައި ތިބުމުގެ ސަބަބުންނެވެ.

އެހީއަށް ދިޔައީ އާދޭސް ކުރަމުން

ބޯޓު ބަންޑުން ޖެހުމާއެކު އެންމެންވެސް އެހީއަށް ގޮވަމުން ދިޔައެވެ. އެނަމާ ބޯޑު ބަންޑުން ޖަހާލާ ކަނޑުވެފައި ތިބި މީހުންނަށް އުންމީދުގެ ހުޅުކޮޅެއް ފެނުނީ އެސަރަހައްދުން ދޯންޏެއް ފެނުމުންނެވެ. އެއީ ގއ. ދާންދޫއަށް ނިސްބަތްވާ ދޯންޏެއް ކަމަށްވާ "މިޔަރެން" ދޯނިއެވެ. ނަމަވެސް އެދޯނީގެ ފަރާތުން މޫދުގައި ރޮއެ ރޮއެ ތިބި މީހުނަށް އެއްވެސް އެހީތެރިކަމެއް ނުލިބުނެވެ.

އެދޯނި ދިޔައީ ގއ. ކުއްޑޫއަށް މަސްކިރުމަށް 12 ޓަނުގެ މަސް ހިފައިގެންނެވެ. އެ ދޯނި އެތަނުން ދިޔައީ ދޯނީގައި އެވަރަށް ތޮޔޮ ނެތް ކަމަށް ބުނެފައެވެ.

އެނަމާ ބޯޓަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދީފައިވަނީ “އަރުތަ” ދޯނިންނެވެ. އެއީ ތިނަދޫއަށް ނިސްބަތްވާ ދޯންޏެކެވެ.

24 މީހުންގެ މަރު އަދި 2 މީހަކު ގެއްލިފައި

އެނަމާ ބޯޓު ކާރިސާގައި 24 މީހުން މަރުވި އިރު އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން އަދި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެއެވެ. އެހާދިސާގައި ވީނުވީއެއް ނޭނގި ގެއްލުނީ ފިރިހެނަކާ ކުޑަކުއްޖެވެ.

އެނަމާ ބޯޓު ބަންޑުން ޖެހި ހާދިސާގައި މަރު މީހުން

ސަލާމަތްވި ގިނަ މީހުންނަށް ވަނީ ނަފްސާނީ ގޮތުން އަސަރު ކޮށްފައެވެ. އެނަމާ ބޯޓު ބަންޑުން ޖަހާލާ އެތައް ބައެއްގެ ފުރާނަ ދިޔަ ހަބަރު ވެގެން ދިޔައީ މުޅި ގައުމު ވެސް ރޮއްވާލި ހަބަރަކަށެވެ. މިއަދާ ހަމައަށް ވެސް މި ކާރިސާއިން އަރައި ނުގަނެވޭ އެތައް ބަޔަކު އެބަ ތިއްބެއެވެ.

އެނަމާ ބޯޓު ބަންޑުން ޖެހި ހާދިސާގައި މަރު މީހުން

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި "މިޔަރެން" ދޯނީގެ އެހީ ތެރިކަން އެވަގުތު ލިބުނު ނަމަ އެމީހުންގެ ތެރެއިން ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނީހެވެ.

އެނަމާ ބޯޓު ހާދިސާގައި ދުނިޔެ ދޫކޮށްފައިވާ އެންމެހާ ފަރާތްތަކަށް ސުވަރުގެ މިންވަރު ކުރައްވާށިއެވެ! އަދި އެ އާއިލާތަކަށް ކެތްތެރިކަން ދެއްވާށިއެވެ.