ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިންގެ ހުރިހާ ޑޯޒްއެއްވެސް ގަނެފައި ވަނީ އެ ވެކްސިން ޑޯޒްތައް ވިއްކާ ފުރިހަމަ އަގުގައި ކަމަށް މެލޭޝިއާގެ ސައެންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން މިނިސްޓަރު، ހައިރީ ޖަމާލުއްދީން ވިދާޅުވެއްޖެއެވެ.

މެލޭޝިއާއަށް ހިލޭ ވެކްސިން ލިބިފައި ނުވަނީ، އެ ގައުމަކީ ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމަކަށް ނުވާތީ ކަމަށްވެސް ހައިރީ ވިދާޅުވިއެވެ. ޗައިނާ، އިންޑިއާ އަދި ރަޝިއާ މެދުވެރިކޮށް، ގިނަ ގައުމުތަކަކަށް ހިލޭ ވެކްސިން ލިބިފައި ވަނީ އެ ގައުމުތަކަކީ ފަގީރު ގައުމުތަކެއް ކަމުގައި ބަލާތީ ކަމަށްވެސް ހައިރީ ވަނީ ވިދާޅުވެފައެވެ.

ހައިރީ ވިދާޅުވީ، ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ނޮވާވެކްސް ގަތުމަށް އިންޑިއާގެ ސަރުކާރުގެ އިތުރުން، ސީރިއަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާވެސް މެލޭޝިއާއިން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ހައިރީ އިތުރަށް ވިދާޅުވީ އިންޑިއާގެ ބާރަތު ބައޮޓެކުން ތަރައްގީ ކުރި ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް އިންޑިއާއިން ހުށަހެޅި ކަމަށާ، ނަމަވެސް، އެ ވެކްސިނަކީ އަދި 3 ވަނަ މަރުހަލާ ފުރިހަމަ ކޮށްފައި ނުވާ ވެކްސިނެއް ކަމުން، އެ ވެކްސިން ގަތުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.

ކޮވިޑް-19 ވެކްސިން ސެންޓަރަކަށް ޒިޔާރަތް ކުރެއްވުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހައިރީ ވަނީ، މެލޭޝިއާއަކީ މެދު ފަންތީގެ މަތީ ގިންތިން އާމްދަނީ ލިބޭ ގައުމެއް ކަމުން، ކޮވެކްސް ފެސިލިޓީއިން މެލޭޝިއާއަށް އެހީއެއް ނުލިބޭ ކަމަށް ވިދާޅުވެފައެވެ.

މެލޭޝިއާއިން މިހާތަނަށް 321331 ޑޯޒްގެ ކޮވިޑް ވެކްސިން ޖަހާފައި ވާ ކަމަށް ބްލޫމްބާގްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ މެލޭޝިއާގެ އާބާދީގެ ނިސްބަތުން ބަލާއިރު އެންމެ 1 ޕަސެންޓް މީހުން ކަމަށް ވާއިރު، އަދި ދެވަނަ ޑޯޒް ދޭން ފަށާފައެއް ނުވެއެވެ.