އދ. ފެންފުއްޓަށް އަރާ ފޭބުން މަނާކޮށް މޮނިޓަރިން ހާލަތަށް ބަދަލު ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ފެންފުށި މޮނިޓަރިން އަށް މިއަދު ބަދަލުކޮށްފައި ވަނީ އެ ރަށުގައި ހުންނަ ފްލޫ ކްލިނިކަށް ބަލީގެ އަލާމާތްތައް ހުރެގެން ދިޔަ މީހަކު ކޮވިޑަށް ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުން ޕޮޒިޓިވް ވެފައި ވާ އަންހެން މީހާއަކީ ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކަށް ދަތުރު ކޮށްފައި ވާ މީހެއްވެސް ނޫނެވެ. އަދި އޭނާއަކީ ކަރަންޓީންގައި ހުރި މީހެއް ވެސް ނޫނެވެ.

މިއަދުން ފެށިގެން ފެންފުށި މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ވާ އިރު މިހާރު އެ ރަށުން ފެނުނު ޕޮޒިޓިވް ކޭސްއާ ގުޅިގެން ދަނީ ކޮންތެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.

މިހާތަނަށް އައި އިރު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 21،268 އަށް އަރާފައެވެ. ކޮވިޑް އެކްޓިވް ކޭސްގެ ގޮތުގައި މިހާރު 2505 މީހުން ތިބި އިރު މިހާރު މި ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 157 އަށް އަރާފައެވެ.