ފުވައްމުލައް ސިޓީ މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީގެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ހަމަދު އަބްދުﷲ ވިދާޅުވީ ފުވައްމުލައް މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ މިއަދު ކަމަށެވެ. އަދި މޮނިޓަރިންގެ ހާލަތުން ނެގީ ނެގި ރޭމްޑަމް ސާމްޕަލްތައް ނެގެޓިވް ވުމާ ގުޅިގެން ކަމަށް ހަމަދު ވިދާޅުވިއެވެ.

ފުވައްމުލަކުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގަޓިވްވި ނަމަވެސް އެރަށު ބޯޓެއްގައި މަސައްކަތް ކުރާ ތިން ބިދޭސީން އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ހަމަދު ވިދާޅުވީ އެ ބޯޓު އޮތީ ކުރިން ވެސް މޮނިޓަރިންގައި ކަމަށާއި އެހެން ކަމުން ޕޮޒިޓިވް ވި ތިން ބިދޭސީން ވެސް ރަށު ތެރެއިން މީހަކާ ކޮންޓެކްޓް ވެފައި ނުވާ ކަމަށެވެ.

ފުވައްމުލައް ސިޓީން މިހާނަތަށް ޖުމްލަ 54 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ފުވައްމުލަކުގައި މިވަގުތު ކޮވިޑްގެ 10 ކޭސް އުޅޭ ކަމަށް ފުވައްމުލަކު އެމަޖެންސީ ސެންޓަރުން ބުނެއެވެ. އަދި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 44 މީހަކު ބަލިން ރަނގަޅު ވެފައި ވާއިރު، އެއްވެސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ނުދާ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.

ފުވައްމުލައް މޮނިޓަރިންގެ ހާލަތަށް ލީ ފެބްރުވަރީ މަހުގެ ނުވަ ވަނަ ދުވަހުގައެވެ. އެއީ އެރަށުން ނެގި ރެންޑަމް 150 ސާމްޕަލްގެ ތެރެއިން 2 ސާމްޕަލެއް ޕޮޒިޓިވް ވުމުންނެވެ.