ކޮވިޑް-19ގައި އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ، ފުރިހަމަ މިސާލު ދައްކާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ، މި އަހަރުގެ ކޮމަންވެލްތް ދުވަހުގެ މުނާސަބާގައި ރައީސް ވަނީ ކޮމަންވެލްތް ދުވަހަކީ ދުނިޔޭގެ ހަ ބައްރަކަށް ނިސްބަތްވާ 54 ގައުމެއްގެ މެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރާ ދުވަހެއްކަމުގައި ފާހަގަކުރެއްވިއެވެ.

މިއަދާ ގުޅުވައިގެން ރައީސް ވިދާޅުވީ، މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިއާރު ކަމުގައިވާ "ޑެލިވަރިންގް އަ ކޮމަން ފިއުޗާ: ކަނެކްޓިންގް، އިނޮވޭޓިންގް، ޓްރާންސްފޯމިންގް" އިން ސިފަކޮށްދެނީ، 2.4 ބިލިއަން މީހުންގެ އާބާދީއެއްގެ މައްޗަށް ބިނާވެފައި އޮތް "ކޮމަންވެލްތް އޮފް ނޭޝަންސް" ނުވަތަ ކޮމަންވެލްތް ޢާއިލާގެ މެދުގައިވާ ގާތް ގުޅުން ކަމަށެވެ.

އެގޮތުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދަތި ހާލަތުގައި ހޯދިފައިވާ އައު އީޖާދުތަކާއި ހެޔޮ ބަދަލުތަކަކީ މި ގުޅުމުގެ ހެއްކެއްގެ ގޮތުގައި ރައީސްސިފަކުރެއްވިއެވެ. އަދި މި ބަލިމަޑުކަމުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދީ އެހީތެރިވެ އުޅުމުގައި ފުރިހަމަ މިސާލު ދައްކާފައިވާކަމުގައި ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތްއާ އަލުން ގުޅުނުތާ އަހަރެއް ފާއިތުވެފައިވާކަން ފާހަގަކުރައްވައި މި މަދު ދުވަސްކޮޅުގެ ތެރޭގައި ފަހުރުވެރިވާފަދަ ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާކަމަށެވެ.

އެގޮތުން ކޮމަންވެލްތްއަކީ އެ އާއިލާގައި ހިމެނޭ ކުދި ޖަޒީރާ ގައުމުތުތަކަށް ހާއްސަ ސަމާލުކަމެއްދޭ ނަމޫނާ ޖަމިއްއްޔާއެއްކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ވިލުންތެރި މުޖުތަމަޢުތަކެއް ބިނާކުރުމަށް ކޮމަންވެލްތު އާއިލާގެ އެއްބާރުލުން ރާއްޖެއަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސްވަނީ ކޮވިޑް-19 ގެ ވެކްސިން ހުރިހާ ގައުމަކަށްވެސް ބޭނުންވާވަރަށް ހޯދުމަށްޓަކައި ކޮމަންވެލްތްއިން އަދާކުރަމުންދާ މުހިންމު ދައުރު ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ މިއަހަރު ރުވާންޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި، ކޮމަންވެލްތު ގައުމުތަކަށް ކުރިމަތިވާ އާންމު މައްސަލަތަކަށް އެދެވޭ ހައްލުތަކެއް ލިބިގެންދާނެކަން އުއްމީދުކުރައްވާކަން ފާހަގަކުރައްވާފައެވެ.

ރާއްޖެ ކޮމަންވެލްތުގެ އާއިލާއާ އަލުން ގުޅިފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހެވެ. މިއީ ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.