ކޮވިޑް ޖެހިގެން މަރުވާ މީހުން ލަންކާގައި އަންދަމުން ގެންދާތީ، އުފެދިފައިވާ ނުތަނަވަސްކަން ހައްލުކޮށް، މަރުވާ މީހުން ވަޅުލާން ފަށައިފިއެވެ.

ލަންކާގެ އާމީ ކޮމާންޑާ ޖެނެރަލް ސަވެންދްރަ ސިލްވާއާ ހަވާދާލީ ލަންކާގެ ނޫސްތަކުގައި ބުނެފައި ވަނީ، ކޮވިޑްގައި މަރުވާ މީހުން ވަޅުލުމުގެ މަސައްކަތް މިއަދު ފަށާފައި ވާ ކަމަށެވެ. އެގޮތުން ލަންކާގެ އިރުމަތީ ރަށެއް ކަމުގައިވާ ބައްޓިކަލޯ ގެ އަވަށެއް ކަމުގައި ވާ އޮއްޓަމާވަދީ ސަރަހައްދުގައި މިއަދު 7 މީހަކު ވަޅުލާފައި ވާ ކަމަށެވެ.

މިއީ ކޮވިޑްގައި މަރުވާ މީހުން ވަޅުލާން ލަންކާއިން ކަނޑައެޅި ސަރަހައްދުތަކުގެ ތެރެއިން ދެވަނަ ސަރަހައްދެވެ. ފުރަތަމަ ސަރަހައްދަކީ ގަލްފް އޮފް މަންނާރުގައި އޮންނަ އިރަނައިތިވޫ އައިލެންޑްސް އެވެ. އެ ސަރަހައްދަކީ ލަންކާގެ ހުޅަނގުން އިންޑިއާގެ ދެކުނަށް ލައްވާ ތުނޑަ ދިމާގައި އޮންނަ ސަރަހައްދެކެވެ.

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން އެންދުމުގެ މައްސަލައަކީ، އެ މައްސަލައިިގެ ސަބަބުން ލަންކާއަށް ގިނަ ފާޑުކިއުންތައްވެސް އަމާޒުވެފައި ވާ މައްސަލައެކެވެ. އެ މައްސަލައިގައި އދ އިންވެސް ގޮވާލާފައި އޮޮތީ ކޮވިޑްގައި މަރުވާ މީހުން އަންދާނުލުމަށެވެ.

އެކަމުގައި ލަންކާގެ ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ސަބަބުން، ދިވެހި ސަރުކާރުންވެސް އެކަމުގެ ތެރެއަށް ވަދެ، ލަންކާގައި ކޮވިޑްގައި މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލައިދޭން ވެސް ވާހަކަ ދެއްކިއެވެ. ނަމަވެސް އެކަން ކޮޅެއްގައި ޖެހިފައި ނުވަނީ، އެކަމާ ގުޅިގެން ދިވެހިންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުވުމާއެކު އެވެ.