މިއަދު ހުކުރު ނަމާދުން ފެށިގެން ޏ. ފުވައްމުލަކު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށަން ނިންމައިފިއެވެ.
ފުވައްމުލަކު ކައުންސިލުން ބުނީ މިއަދުގެ ހުކުރު ނަމާދުން ފެށިގެން ފުވައްމުލަކު ސިޓީގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުން އޮންނާނެ ކަމަށެވެ.
އަދި މިސްކިތައް ދާއިރު ގެއިން ވުޟޫކޮށް މާސްކް އަޅައިގެން ދިއުމުގެ އިތުރުން އަމިއްލަ މުސައްލަ ގެންދިއުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ފުވައްމުލަކު ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން މަޑުޖައްސާލަން އަންގާފައި ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހެވެ. އެއީ އެރަށުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނާތީއެވެ. ނަމަވެސް ފުވައްމުލަކުން ފެނުނު ކޮވިޑްގެ 3 ކްލަސްޓާއިން ޕޮޒިޓިވް ކޭސް އެއް ނުފެންނަ ކަމަށް ރޭ އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ފުވައްމުލަކުން ފެނުނު ކޮވިޑް ކްލަސްޓާތަކުން 30 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވި އެވެ. އަދި އެ ސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށް ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 ކާފިއުވެސް އޮތީ ހިންގާފައެވެ.
ފުވައްމުލަކު ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުމަށް އަލުން ހުޅުވާލަން ނިންމާލާފައިވީ ނަމަވެސް އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތްހެދުން ވަނީ މެދުކަނޑާލާފައެވެ.