މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެންބަރު ކަމަށް ރާއްޖެ ޓީވީގެ ނޫސްވެެރިޔާ މުހައްމަދު ފަޒީން ލާން މަޖިލީހުން ފާސް ކޮށްފިއެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ފަޒީން އައްޔަންކުރަން ފާސްވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

ބްރޯޑްކޮމް ގެ ހުސްވެފައިވާ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ 10 ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. އެ ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކުރުމަށްފަހު ހޮވާފައިވަނީ ދެ ނަމެކެވެ.

އެއީ ފަޒީންގެ އިތުރުން ވީޓީވީގެ ކުރީގެ ނޫސްވެރިޔާ ޝިފްޒާ މުސްތަފާގެ ނަމެވެ. ކޮމެޓީގެ ނިންމުމާއި އެއްގޮތަށް މަޖިލީހުގެ ތަޅުމުގައި އެންމެ ފުރަތަމަ އަހާފައިވަނީ ފަޒީންގެ ނަމެވެ. ފަޒީންގެ ނަމަަށް ރުހުން ލިބުމުން ޝިފްޒާގެ ނަމަށް އަހާފައެއް ނުވެއެވެ.

ބްރޯޑްކޮމްއަށް މެންބަރަކު އައްޔަންކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ކޮމިޝަންގެ މެންބަރުކަމުން ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ބްރޯޑްކޮމްގައި ހަތް މެމްބަރުން ތިބެންޖެހެއެވެ. އެކޮމިޝަންގައި ފަޒީންގެ އިތުރުން ހިމެނެނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ނައިބު ރައީސް އަޙްމަދު ގައިސް އާއި، މެންބަރު އާމިނަތު ސަރާޙަތު އިއްޒަތު އާއި، މެންބަރު އަމްޖަދު ވަހީދު އާއި، މެންބަރު އަލީ ޔޫސުފް އަދި މެންބަރު އާމިނަތު އަމީނާއެވެ.