ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ނޯޕޭ ލީވަށް ފޮނުވާލި މީހުންނާއި ވަޒީފާ އުނިކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓު އެލަވަންސްގެ ޒަރިއްޔާއިން 18،534 މީހަކަށް އެހީތެރިކަން ފޯރު ކޮށްދީފިއެވެ.

ދުނިޔޭގައި ފެތުރެން ފެށި ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިގްތިސޯދީ ދަތިކަމުގައި ވަޒީފާ ގެއްލި އަދި ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ "އިންކަމް ސްޕޯޓް" ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 292.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އެ ދުވަހާ ހަމައަށް ފައިސާ ދޫކޮށްފައި ވަނީ 18،534 މީހުންނަށް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަައެވެ.

ކޮވިޑްގެ ސަބަބުން އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް އެހީވުމަށްޓަކައި ވޯލްޑް ބޭންކުން ވަނީ އެހީތެރިކަން ފޯރުކޮށް ދީފައެވެ. އެގޮތުން މީގެ ކުރިން އިންކަމް ސަޕޯޓް ސްކީމަށް 12.89 މިލިއަން ޑޮލަރު ވޯލްޑް ބޭންކުން ދީފައި ވާއިރު، ޖެނުއަރީ މަހުގެ ތެރޭގައި ވަނީ އިތުރަށް 21.6 މިލިއަން ޑޮލަރު ދީފައެވެ. މިއާއެކު އިންކަމް ސަޕޯޓް ސްކީމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައެޅި އެހީގެ ޖުމުލަ އަގު މި ވަނީ 34.4 މިލިއަން ޑޮލަރަށް އަރާފައެވެ.

އިންކަމް ސްޕޯޓް އެލަވަންސްގެ ގޮތުގައި ކޮންމެ މީހަކަށް ވެސް ލިބޭނީ 5،000 ރުފިޔާ އާ ހަމައަށް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. ވަޒީފާއިން ވަކިކޮށްފައި ވާ، ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއް ނަމަ، މަހަކު 5000 ރުފިޔާ އަދި ނޯޕޭ ލީވް އަށް ފޮނުވައިފައި ވާ ފަރާތެއް ނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބެއެވެ. މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށް ފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށް ވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.