ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ނޯޕޭ ލީވަށް ފޮނުވާލި މީހުންނާއި ވަޒީފާ އުނިކޮށްފައިވާ މީހުންނަށް ދޭ އިންކަމް ސަޕޯޓު އެލަވަންސް އޮޅުވާލައިގެން ފަސް މިލިއަނެއްހާ ރުފިޔާ ހޯދާފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް އެލަވެންސް ޕްރޮޖެކްޓްގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން އޮޅުވާލައިގެން އިންކަމް ސަޕޯޓްގެ ގޮތުގައި ހޯދި ފައިސާގެ އަދަދު 4.97 މިލިއަން ރުފިޔާއަށް އަރައެވެ.
އެފައިސާގެ ތެރެއިން އަނބުރާ 213،884 ރުފިޔާ ހޯދާފައިވާއިރު 4.76 މިލިއަން ރުފިޔާ ހޯދިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.
އޮޅުވާލައިގެން ހޯދާފައިވާ އެލަވެންސް ވީހާވެސް އަވަހަށް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއަށް އިލްތިމާސްކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވެއެވެ.
ކޮވިޑާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން އެލަވަންސް ދޭން ފަށާފައިވަނީ މިދިޔަ އަހަރެވެ.
އިންކަމް ސްޕޯޓް އެލަވަންސްގެ ގޮތުގައި ކޮންމެ މީހަކަށް ވެސް ލިބޭނީ 5،000 ރުފިޔާ އާ ހަމައަށް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. ވަޒީފާއިން ވަކިކޮށްފައި ވާ، ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއް ނަމަ، މަހަކު 5000 ރުފިޔާ އަދި ނޯޕޭ ލީވް އަށް ފޮނުވައިފައި ވާ ފަރާތެއް ނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބެއެވެ.
މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށް ފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށް ވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.