ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ނޯޕޭ ލީވަށް ފޮނުވާލި މީހުންނާއި ވަޒީފާ އުނިކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓު އެލަވަންސްގެ ޒަރިއްޔާއިން ޖުމްލަ 421.7 މިލިއަން ރުފިޔާ ދީފިއެވެ.

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ދަތިކަމުގައި ވަޒީފާ ގެއްލި އަދި ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ "އިންކަމް ސްޕޯޓް"ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް 421.7 މިލިއަން ރުފިޔާ ވަނީ ޖުމްލަ 22،948 މީހުންނަށް ދޫކޮށްފައެވެ.

މި ފައިސާ ހަވާލުކޮށްފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެ ގޮތުން އިންކަމް ސަޕޯޓް އެލަވަންސަށް ފުރަތަމަ ފިޔަވަހީގައި 48.7 މިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، ދެވަނަ ފިޔަވަހީގައި ވަނީ 170.6 މިލިއަން ދޫކޮށްފައެވެ. އެއަށް ފަހު ވަނީ 201.67 މިލިއަން ރުފިޔާ ތިން ވަނަ ފިޔަވހީގެ ދަށުން ދޫކޮށްފައެވެ.

ކޮވިޑްގެ ސަބަބުން އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް އެހީވުމަށްޓަކައި ވޯލްޑް ބޭންކުން ވަނީ އެހީތެރިކަން ފޯރުކޮށް ދީފައެވެ. އެގޮތުން މީގެ ކުރިން އިންކަމް ސަޕޯޓް ސްކީމަށް 12.89 މިލިއަން ޑޮލަރު ވޯލްޑް ބޭންކުން ދީފައި ވާއިރު، ޖެނުއަރީ މަހުގެ ތެރޭގައި ވަނީ އިތުރަށް 21.6 މިލިއަން ޑޮލަރު ދީފައެވެ. މިއާއެކު އިންކަމް ސަޕޯޓް ސްކީމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައެޅި އެހީގެ ޖުމުލަ އަގު މި ވަނީ 34.4 މިލިއަން ޑޮލަރަށް އަރާފައެވެ.

އިންކަމް ސްޕޯޓް އެލަވަންސްގެ ގޮތުގައި ކޮންމެ މީހަކަށް ވެސް ލިބޭނީ 5،000 ރުފިޔާ އާ ހަމައަށް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. ވަޒީފާއިން ވަކިކޮށްފައި ވާ، ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއް ނަމަ، މަހަކު 5000 ރުފިޔާ އަދި ނޯޕޭ ލީވް އަށް ފޮނުވައިފައި ވާ ފަރާތެއް ނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބެއެވެ.

ނަމަވެސް މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށް ފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށް ވުރެ ދަށް އަދަދެއް ނަމަ އެލަވަންސް ލިބޭނެއެވެ. އެގޮތުން މި ހާލަތުގައި އެލަވަންސަށް 5000 އެއް ނުދެއެވެ. މި ހާލަތުގައި ދޭނީ 5000 ރުފިޔާއިން ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ބާކީ 5000 ހަމަކުރުމަށް ދެވޭ އަދަދެވެ.