އިންކަމް ސަޕޯޓް އެލަވަންސް ލިބުނު މީހުންގެ މައުލޫމާތު ލިސްޓު އާންމުކުރެއްވުމަށްފަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މައާފަށް އެދިވަޑައިގެންފިއެވެ.

އިންކަމް ސަޕޯޓް އެލަވަންސަށް ސަރުކާރުން ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޓުވިޓާގައި ބައެއް މީހުން ސުވާލުކުރުމުން މިނިސްޓަރު ފައްޔާޒް އެމީހުންނަށް ޖަވާބު ދެއްވާފައިވަނީ އިންކަމް ސަޕޯޓު އެލަވަންސް ލިބުނު މީހުންގެ ތަފުސީލީ މައުލޫމާތުތައް ހިމެނޭ ލިސްޓާއެކުއެވެ.

ޖޮބް ސެންޓަރުގެ ވެބްސައިޓަށް އަޕްލޯޑުކޮށްފައިވާ އެ ލިސްޓުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސް ދިން މީހުންގެ ނަންތައް ވަނީ ހިމަނައިފައެވެ. އެ ލިސްޓުގައި އެމީހުންގެ އައިޑީކާޑް ނަންބަރާއި ރަށާއި އެޑްރެހާއި ވަޒީފާ އަދާކުރަމުން އަންނަ ތަނުގެ ނަމާއި މަގާމާއި ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި އެމީހަކަށް ދިން ފައިސާގެ އަދަދު ވެސް ހިމަނާފައިވެއެވެ.

ގިނަ ބައެއްގެ ޒާތީ މައުލޫމާތު އާންމު ކުރުމާއި ގުޅިގެން މިނިސްޓަރަށް ފާޑުކިޔުން އަމާޒުވެފައިވާއިރު ގިނަ ބަޔަކު ވަނީ ޒާތީ މައުލޫމާތުތައް އާންމުކުރުން ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ. މިނިސްޓަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އެކަމާ ގުޅިގެން ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުރިހާ މައުލޫމާތެއް އާންމުކުރެވުމުން މައާފަށް އެދޭ ކަމަށާއި އެކަން ރަނގަޅު ކުރައްވާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން އެލަވަންސެއްގެ ގޮތުގައި 5000 ރުފިޔާ ދޭން ފަށާފައިވަނީ މިދިޔަ އަހަރެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން 22،858 މީހަކަށް ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދީފައެވެ. އެކަމަށް 419 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.