މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ ބަންދަަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން އިތުރު ކޮށްފިއެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި ދެ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދައި ފަސް މީހަކު ހައްޔަރުކުރިި އިރު އޭގެ ތެރޭގައި ޕެސްޓު ވެސް ހިމެނެއެވެ.

އެމީހުންގެ ބަންދަށް އެންމެ ފުރަތަމަ ކޯޓުން ޖަހައިދިނީ 15 ދުވަހެވެ. އެ މުއްދަތު މިއަދަށް ހަމަވި އިރު ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އެންމެންގެ ބަންދުގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ.

އެގޮތުން ޕެސްޓާއި އަހުމަދު ހުޝާމް އަދި މުހައްމަދު ސުއައިދުގެ ބަންދަށް 10 ދުވަސް ޖެހިއިރު އަހުމަދު ޝަމޫން އާއި އަބްދުﷲ ސާޖިއުގެ ބަންދަށް ޖަހާފައި ވަނީ ފަސް ދުވަހެވެ.

ޕެސްޓު މަޝްހޫރުވެފައި ވަނީ ރާއްޖޭގެ "ރެޕް ކިންގް" ގެ ގޮތުގައެވެ.

މަޝްހޫރު އެތައް ލަވަތަކެއް ކިޔާފައިވާ ޕެސްޓް މަޝްހޫރުކަން ހޯދީ 2011 ވަނަ އަހަރު އޭނާ ކިޔާފައިވާ "ރީތި ކުދިން" ލަވައިންނެވެ.