ކޮވިޑް ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިން ޖެހި 19 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދިފައިވާ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިސަޒީ ގްރޫޕުގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވީ، ވެކްސިން ޖެހި މީހުންގެ ތެރެއިން ނޭދެވޭ އަސަރުތައް ފެނިގެން 19 މީހަކު އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވާ ކަަމަށެވެ. އެގޮތުން އެމީހުންނަށް ފަރުވާ ދީފައި ވަނީ އަނބުރައިގަނެގެން ނުވަތަ ގައިގަ ބިހި ނަގާ އެލާޖިކް ރިއެކްޝަންތަކާ ހެދި ކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ފައިސަލް ވިދާޅުވީ، ވެކްސިން ޖަހާ މީހުން ހުން އައިސް ގިނަ ދުވަސްތަކަކަށް ހުން އައުން ދިގުލައިގެން ދާނަމަ އަވަހަށް ޑޮކްޓަރަށް ދައްކައިގެން އެ އަލާމާތްތައް ފެންނަ ސަބަބު ދެނަގަތުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ވެކްސިން ޖެހި މީހުންގެ ތެރެއިން ނޭދެވޭ އަސަރުކޮށްގެން އެޑްމިޓް ކޮށްގެން 19 މީހަކަށް ފަރުވާ ދީފައިވާއިރު ވެކްސިން ޖެހި އުމުރުން ދުވަސްވީ ދެމީހަކު ވަނީ މަރު ވެފައެވެ. އެއީ އުމުރުން 93 އަހަރުގެ ފިރިހެނަކާއި 81 އަހަރުގެ އަންހެނެކެވެ. އެ ދެމަފިރިން ކޮވިޑް ވެކްސިން ޖަހާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޖަހަން ވަނީ ފަށާފަައެވެ. މިއަދަ ހަމައަށް އައި އިރު މިހާރު 111،000 އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ. މިއަދު ފެށިގެން ރާއްޖޭގައި 20 އަހަރުން މަތީގެ ހުރިހާ މީހުންނަށް ވެކްސިން ދޭއިރު އުމުރުން 20 އަހަރާއި 18 އަހަރާ ދެމެދުގެ ދިގު މުއްދަތަށް ބޭސް ކުރާ މީހުންނަށް ވެކްސިން ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.