މާލެ ސަރަހައްދުން ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހި މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 196 އަށް އަރައިފިއެވެ.

މިއަދު ޕޮޒިޓިވް 196 މީހުންނާއެކު މި މަހު ރިޕޯޓު ކުރި ކޭސްތަކުގެ ޖުމްލަ އަދަދު މި ވަނީ 3952 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ އަކު އިއުލާން ކުރި ކޮވިޑް ކޭސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 178 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 4 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 12 މީހަކާއި ލިވަބޯޑުން 2 މީހެކެވެ. އަދި މިއަދު 117 މީހަކު ބަލިން ރަނގަޅުވެފައި ވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ރަށްރަށުން ޕޮޒިޓިވްވި ކޭސްތަކުގެ ތަފްސީލް ހާމަކުރަމުން އެޗްއީއޯސީން ބުނީ މިއަދު 4 ކޭސް ފެނިފައި ވާއިރު އެއީ ފުވައްމުލަކުން 1 ކޭސް އާއި ދ. ކުޑަހުވަދޫން 1 ކޭސްގެ އިތުރުން ސ. މީދޫން ފެނުނު 2 ކޭސް ކަމަށެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓް

  • ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 19،793
  • ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު: 17،249
  • ކޮވިޑް އެކްޓިވް ކޭސް: 2475
  • ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު: 179
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 62

ކޮވިޑް ބަލީގައި މަރުވި މީހުންގެ ރެކޯޑްތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު 2 މީހަކު މަރުވެފައިވާއިރު ޖެނުއަރީ މަހު ވަނީ 4 މީހަކު މަރުވެފައެވެ. އަދި މިއަދު ކޮވިޑް ބަލީގައި މަރުވި މީހާއާއެކު މި މަހު މަރުވި މީހުންގެ އަދަދު މި ވަނީ 10 އަށް އަރާފައެވެ. އެހެންކަމުން މިހާރު ކޮވިޑް ބަލި ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 62 އެވެ. އެއީ 55 ދިވެހިންނާއި 7 ބިދޭސީންނެވެ.

އެގޮތުން މިހާތަނަށް މި ބަލީގައި މަރުވި 62 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު މަރުވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން މި މަހު ރާއްޖެއިން ބޭރުގައި ހުރި ދިވެއްސަކުވެސް ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ. އެއީ ދުބާއީއަށް ޗުއްޓި ހޭދަކުރަން ދިޔަ އުމުރުން 38 އަހަރުގެ ދިވެހި ފިިރިހެނެކެވެ.

މި ބަލިން ރައްކާތެރިވުމަށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޛޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ. މިއަދާ ހަމައަށް އައި އިރު 110،000 އަށް ވުރެ ގިނަ މީހުން ކޮވިޑް ވެކްސިން ޖަހާފައިވާ އިރު ވެކްސިން ޖެހި މީހުންގެ ތެރެއިން އުމުރުން ދުވަސްވީ ދެމަފިރިން ވަނީ މަރުވެފައެވެ. އެއި އުމުރުން 93 އަހަރުގެ ފިރިހެނަކާއި 81 އަހަރުގެ އަންހެނެކެވެ.

މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 3952 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައި ވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. އެއީ 215 ކޭސްއެވެ.

ކޮވިޑުން ރައްކާތެރިވުމަށް މޮހާރު ރާއްޖޭގައި އަންނަނީ އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް ވަރުގަދަ ކުރަމުންނެވެ. އެ ގޮތުން މިހާރު ގްރޭޑް 8 އިން ދަށުގެ ގްރޭޑްތަކުގެ ކުދިން ސްކޫލަށް ހާޒިރުވާން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ އިރު އެ ގްރޭޑްތަކުގެ ކުދިންނަށް އަންނަނީ އޮންލައިނކޮށް ކިޔަވައިދެމުންނެވެ. ހަމައެއާއެކު މާލެ ސަރަހއްދުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ވަނީ މިހާރު މަނާކޮށްފައެވެ.

މާލެ ސަރަަހއްދުގައި އަދިވެސް ކާފިއު ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރޭގަނޑު 11 އިން ފެށިގެން ހެނދުނު 6 އަކާ ދެމެދެވެ. އަދި މާލެ މަގުމަތީގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރޭގަނޑު 6 އިން ހެނދުނު 6 އާ ދެމެދެވެ.

މާލޭގެ އިތުރުން މިވަގުތު ކާފިއު އިއުލާންކޮށްފައި ވަނީ ފުވައްމުލަކު ސިޓީގައެވެ. މިވަގުތު މޮނިޓަރިންގެ ހާލަތުގައި ހުރި ތަންތަނަކީ ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫއެވެ.