ރޯދަ މަހު ކޮންމެ މީހަކު ވެސް ބަލާނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަސޭހައިން ތައްޔާރު ކޮށްލެވޭ، މީރު އެއްޗެއް ތައްޔާރު ކޮށްލެވޭތޯއެވެ. އެގޮތުން މިއަދު މި ބަލާލަނީ، އެންމެ 3 އިންގްރިޑިއެންޓް ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވޭ ފޮނި އެއްޗަކަށެވެ.

ކުކީސް އެންޑް ކްރީމް ޓްރަފަލްސް ތައްޔާރު ކުރާނެ ގޮތް ތިރީގައި އެވަނީއެވެ.

ބޭނުން ވާނެ ތަކެތި:

  • 2 ޕެކެޓު އޯރިއޯ ބިސްކޯދު
  • 200 ގްރާމް ކްރީމް ޗީޒް
  • 1 ޖޯޑު ވައިޓް ޗޮކްލެޓް (މެލްޓް ކޮށްފައި)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ އޯރިއޯ ބިސްކޯދު ކުނޑިކޮށްލާށެވެ. މިކްސަރަށް އަޅާ ކުނޑި ކޮށްލިއަސް އެންމެ ރަނގަޅެވެ. ކުނޑިކުރި ބޮސްކޯދުގެ ތެރެއިން ދެތިން ސަމުސަލުގެ ބިސްކޯދު ނަގާ ވަކިކޮށްލުމަށްފަހު ބާކީ ހުރި ބަޔަށް ކްރީްމ ޗީޒް އަޅާ، ރަނގަޅަށް އެއްކޮށްލާށެވެ. ދެން އެއްކުރި ބައި،ބިސްކޯދު މިކްސް އެއް ގަޑިއިރު ވަންދެން އައިސް އަލަމާރީގައި ފިނި ކޮށްލާށެވެ.

ފިނި ކުރުމަށްފަހު ބިސްކޯދު މިކްސް އިން ކުދި ބޯޅަތައް ހަދާށެވެ. އެއަށްފަހު އޭގެ ބޭރުގައި މެލްޓް ކުރި ވައިޓް ޗޮކްލެޓް ރަނގަޅަށް ހާކާލާށެވެ. އަދި ކުރިން އެއްކައިރި ކުރި ބިސްކޯދު ކުނޑިކޮޅު، ބޯޅަތަކުގެ މައްޗަށް ވިއްސާލާށެވެ.

އޭރުން ކުކީސް އެންޑް ކްރީމް ޓްރަފަލްސް ތައްޔާރު ކުރެވުނީއެވެ. މިއީ ފިނިކޮށްލައިގެން ކެއުމުން ވަރަށް މީރު ފޮނި އެއްޗެކެވެ. މިއަށް އޯރިއޯ ބޯލްސްއޭ ވެސް ކިޔާ އުޅެއެވެ.