ރޯދަ މަހު ކޮންމެ މީހަކު ވެސް ބަލާނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަސޭހައިން ތައްޔާރު ކޮށްލެވޭ، މީރު އެއްޗެއް ތައްޔާރު ކޮށްލެވޭތޯއެވެ. އެގޮތުން މިއަދު މި ބަލާލަނީ، އެންމެ 3 އިންގްރިޑިއެންޓް ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވޭ ފޮނި އެއްޗަކަށެވެ.

ޕީނަޓް ބަޓާ ކަޕްސް ތައްޔާރު ކުރާނެ ގޮތް ތިރީގައި އެވަނީއެވެ.

ބޭނުން ވާނެ ތަކެތި:

  • 1 ޖޯޑު ޕީނަޓް ބަޓާ
  • 1 ޖޯޑު ޕައުޑާޑް ޝުގާ ނުވަތަ އައިސިން ޝުގާ
  • 2 ޖޯޑު ކުކިން ޗޮކްލެޓް (މެލްޓް ކޮށްފައި)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ޕީނަޓް ބަޓާ އަދި އައިސިން ޝުގާ ރަނގަޅަށް އެއްކޮށްލާށެވެ.

އެއަށްފަހު ކަޕްކޭކު ފިހާ ކަހަލަ ކުދި ތައްޓަށް (ބޭނުން ނަމަ އެހެން ވައްތަރެއްގެ ތައްޓެއް ވެސް ބޭނުން ކުރެވިދާނެއެވެ.) ޗޮކްލެޓް ސަމުސަލެއް އަޅާށެވެ. ދެން ޕީނަޓް ބަޓާ މިކްސްގެ ސަމުސަލެއް އަޅާށެވެ. އަނެއްކާވެސް އޭގެ މައްޗަށް ޗޮކްލެޓް ސަމުސަލެއް އަޅާށެވެ.

ދެން ތަށިތައް އައިސް އަލަމާރިއަށް ލުމަށްފަހު އެއް ގަޑިއިރު ވަންދެން ފިނި ކުރާށެވެ. އޭރުން ޕީނަޓް ބަޓާ ކަޕްސް ތައްޔާރު ކުރެވުނީއެވެ. ޕީނަޓް ބަޓާ ކަޕްސް ތައްޔާރު ކުރުމަށް ދޮޅު ގަޑިއިރު ވެސް ނުނަގާނެއެވެ.