އީރާނުގެ އެއްބާރުލުމާއެކު ހަރަކާތްތެރިވާ ހަނގުރާމަވެރިން، ސޫރިއާގައި ހިންގާ ފެސިލިޓީތަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާ ދީފައި ވާނެ ކަމަށާ، މި ހަމަލާއަކީ، އިރާގުގައި މަރުކަޒު ވެގެން ތިބޭ އެމެރިކާގެ ފައުޖުތަކަށް އަމާޒު ކޮށް، ދާދި ފަހުން ދިން ރޮކެޓް ހަމަލާގެ ރައްދުގައި ދިން ހަމަލާތަކެއް ކަމަށް، އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ބުނެފިއެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޖޯން ކާބީ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ހަމަލާ ދީފައި ވަނީ، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އަމުރުފުޅަށް ކަމަށެވެ.

ކާބީ ވިދާޅުވީ، އެމެރިކާއިން ސޫރިއާއަށް ދިން ހަމަލާތަކުގައި، ގިނަ ފެސިލިޓީތަކެއް ސުންނާފަތި ކޮށްލާފައި ވާނެ ކަމަށެވެ. މި ފެސިލިޓީތަކަކީ އީރާނުގެ އެއްބާރުލުމާއެކު ހަނގުރާމަ ކުރަމުންދާ ކަތާއިބު ހިޒްބުއްލާ އަދި ކަތާއިބު ސައްޔިދު އަލް-ޝުހާދާ ފަދަ ޖަމާއަތްތަކުން ބޭނުން ކުރާ ފެސިލިޓީތަކެއް ކާބީ ވިދާޅުވިއެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޮ ހިއުމަން ރައިޓްސް އިން ހަބަރު ދޭ ގޮތުގައި، އެމެރިކާއިން ދިން ހަމަލާތަކުގައި، އީރާނަށް އެއްބާރުލުން ދޭ 17 ހަނގުރާމަވެރިއަކު ވަނީ މަރާލާފައެވެ.

މީގެ 2 ހަފުތާއެއްހާ ދުވަސް ކުރިން، އެމެރިކާގެ ފައުޖުތަކަށް އަމާޒުކޮށްގެން ދިން ހަމަލާގެ ރައްދުގައި ދިން މި ހަމަލާތަކަކީ، ހަމަ އެންމެ އެކަށޭނަ މިންވަރެއްގައި ދިން ހަމަލާތަކެއް ކަމަށް ޕެންޓަގަންއިން ބުނެއެވެ. އަދި ޑިޕްލޮމެޓިކް ފިޔަވަޅުތައް އަޅަމުން ދަނީ، ކޯލިޝަންގެ ބައިވެރިންގެ މަޝްވަރާއާ އެކުގައި ކަމަށްވެސް ޕެންޓަގަންއިން ބުނެއެވެ.

މިއީ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގެ އުކުޅުތަކާ ތަފާތު އިސްތިރާޖެކެވެ. އީރާނުގެ ކިބައިން ބަދަލު ހިއްޕެވުމުގެ ގޮތުން، ޓްރަމްޕް ވަނީ، އީރާނުގެ އެންމެ އިސް ކޮމާންޑަރު، ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލައްވާފައެވެ.

އާބީލްގައި ގާއިމުވެ ތިބި އެމެރިކާގެ ފައުޖުތަކަށް އަމާޒުކޮށް، ފެބުރުއަރީ 15 ގައި ދިން ހަމަލާތަކާ ގުޅިގެން، އިރާގުގެ ސަރުކާރުންވެސް ދަނީ ތަހުގީގު ހިންގަމުންނެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން