ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަކީލުންގެ ފޯނު ކޯލުތައް ސަރުކާރުން އަޑުއަހާކަމަށް އެމަނިކުފާނުގެ ވަކީލުން ތުހުމަތު ކޮށްފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވަކީލާއި މުވައްކިލުގެ ބައްދަލުވުންތަކާއި ފޯނު ކޯލްތަކަކީ ގާނޫނީ ގޮތުން ރައްކާތެރި ކުރެވިގެން ވާ މުއާމަލާތްތަކެއް ކަމަށް ވާއިރު، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނާއި ރައީސް ޔާމީންއާ ދެމެދު ކުރެވިފައިވާ، އެހެންނަމަވެސް އެހެން އިތުރު އެއްވެސް ފަރާތަކާ ހިއްސާކޮށްފައި ނުވާ ބައެއް ވާހަކަތަކަށް އުނިއިތުރު ގެނެސްގެން، ސަރުކާރަށް ތާއީދުކުރާ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ކަމަށެެވެ.
އެހެންކަމުން އެމައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް އެ ޓީމުން ވަނީ އިލްތިމާސް ކޮށްފައެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައިގެ ތަހުގީގު ބަޔާނެއްގައި ސޮއިކުރަން މިއަދު މާފުށީ ޖަލަށް ދާން ފުލުހުން ވަކީލުންނަށް އަންގާފައިވާ ކަމަށެވެ. ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނާތީ ދަތުރުފަތުރު ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާނެތީ ބަޔާނުގައި ސޮއިކުރުން ފަސްކޮށް ދިނުމަށް ވަކީލުންގެ ފަރާތުން އެދިފައިވާނެ ކަމަށާއި އެހެން ނަމަވެސް އެގޮތަށް އެކަން ކޮށްދިނުމަށް ފުލުހުން ދެކޮޅު ހަދާފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ.
ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުން ބުނީ ތަހުގީގު އަވަސް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި، ސަރުކާރުން މައްސަލައިގެ ތަހުގީގު އަވަސް އަރުވާލައިގެން ކުރިއަށް ގެންދަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެހެން ބޭނުމެއްގައި ކަމަށް ގަބޫލުކުރާ ކަމަށެވެ.
ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަން ސާބިތުވެ، ދިވެހިރާއްޖޭގެ 5 ވަނަ ރައީސްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 5 އަހަރު ދުވަހަށް ޖަލަށް ލުމަށާއި، 5 މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) ޖޫރިމަނާ ކުރުމަށެވެ.