މ. ކޮޅުފުށި މޮނިޓަރިންގެ ހާލަތުން އިއްޔެ ނަގާފައިވާ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިހެން ބުނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެރަށް މޮނިޓަރިންގެ ހާލަތުން ނެގުމާއެކު މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ އައްޑޫ އަދި ފުވައްމުލައް ސިޓީ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ކޮޅުފުށި މޮނިޓަރިންގެ ހާލަތުން ނަގާފައިވާ އިރު 2 ފަހަރު ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނައެވެ. އެގޮތުން މި ފަހުން އެރަށް މޮނިޓަރިންއަށް ލީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އެއީ އެރަށުން މި މަހުގެ 20 ވަަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލަކުން މީހަކު ޕޮޒިޓިވް ވުމުންނެވެ.

މީގެ ކުރިން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ އެ ރަށުން މާލެ އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އެ ކޭސްއާއެކު އެ ރަށުގައި ބޮޑު ކްލަސްޓާއެއް އުފެދި 34 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 3051 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައި ވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. އެއީ 215 ކޭސްއެވެ.