މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 161 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރިޕޯޓް ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 139 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 4 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 17 މީހެއްގެ އިތުރުން ލިވަބޯޑުން ޕޮޒިޓިވްވި މީހެކެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓް

ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު: 18،930

ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު: 16،351

ކޮވިޑް އެކްޓިވް ކޭސް: 2512

ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ މީހުންގެ އަދަދު: 162

ކޮވިޑް ބަލީގައި މަރުވި މީހުންގެ ރެކޯޑްތަކަށް ބަލާއިރު މިދިޔަ މަހު 5 މީހަކު ކޮވިޑް ބަލީގައި ވަނީ މަރުވެފައެވެ. އަދި މި މަހު 9 މީހަކު މި ބަލީގައި މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 60 އަށް އަރާފައެވެ. އެއީ 53 ދިވެހިންނާއި 7 ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ޕިލިޕީންސް މީހެކެވެ. މީގެ ތެރޭގައި މި މަހުގެ 17 ވަނަ ދުވަހު ކޮވިޑް ވެކްސިން ޖެހި ފަހުން މަރުވި އުމުރުން ދުވަސްވީ ދެމަފިރިން ވެސް ހިމެނެއެވެ.

އެގޮތުން މިހާތަނަށް މި ބަލީގައި މަރުވި 60 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު މަރުވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 3051 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައި ވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. އެއީ 215 ކޭސްއެވެ.