ޕީޕީއެމް ޕާޓީ އޮފީސް ދޮރުމަތިން މިއަދު ހައްޔަރުކުރި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެޗްޕީއޭ ގައިޑްލައިން އާ ހިލާފަށް އަދުރޭގެ ލީޑާޝިޕްގެ ދަށުން ކުރިއަށް ގެންދިޔަ އެއްވުމެއް ރޫޅާލުމުގެ ބޭނުމުގައި ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް އަދުރޭ ގެނައުމަށްފަހު މައުލޫމާތު ސާފުކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި އަދުރޭ ހައްޔަރު ކުރީ ގެއަށް ވަޑައިގަންނަވަން ޕާޓީ އޮފީސް ދޮރުމަތިން ނިކުން ވަގުތުއެވެ.

އިދިކޮޅުން އަންނަނީ މިފަހަކަށް އައިސް ކޮންމެ ދުވަހަކުހެން މަގުމަތީ އިހްތިޖާޖްތައް ކުރަމުންނެވެ.

އެ ކޯލިޝަންގެ ސިލްސިލާ އެއްވުންތަކާއި އިހުތިޖާޖުތަކަކީ ސުލްހަވެރި އިހުތިޖާޖު ތަކެއް ކަމަށާއި އިހުތިޖާޖުތައް ކުރިއަށް ގެންދަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.