އެޗްޕީއޭގެ ގައިޑްލައިން އާ ހިލާފަށް ސޯލްޓް ކެފޭގައި ބޭއްވި ކައިވެނި ޕާޓީއެއް ހުއްޓުވާ، އެކެފޭ ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިން އާ ހިލާފަށް ސޯލްޓް ކެފޭގައި ބޭއްވި ކައިވެނި ޕާޓީއެއް މިއަދު 05:30 ހާއިރު ހުއްޓުވާފައިވާ ކަމަށެވެ. އަދި ސޯލްޓް ކެފޭ ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ފުލުހުން އިން ވަނީ ބުނެފައެވެ.

ސޯލްޓް ކެފޭ ޖޫރިމަނާ ކުރީ 5000 ރުފިޔާއަށް ފުލުހުން ބުނެއެވެ. އަދި އެކެފޭ ޖޫރިމަނާ ކުރީ ކުރިން އެޕާތީ ކުރިއަށް ގެންދާކަން އެނގިގެން ފުލުހުން ގޮސް ޕާތީ ހުއްޓާލުމަށް އެންގުމުން އެގޮތަށް އަމަލު ނުކުރުމުން ކަމަށް ފުލުހުން ބުނެއެވެ

މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާ ބޭއްވުމަށް ހުއްދަ ދެވިފައިވަނީ، މިދިޔަ މަހުގައެވެ. ނަމަވެސް ކޮވިޑް ކޭސްތައް ދުވަހުން ދުވަހަށް އިތުރުވުމާ ގުޅިގެން ކައިވެނީގެ ޕާޓީތަކާއި ހަފްލާތައް ބޭއްވުން ވަނީ މަނާކޮށް، ހަރުކަށި ފިޔަވަޅު އަޅާފައެވެ.

ޕާޓީތަކާއި ހަފް ލާބޭއްވުން ހުއްޓުވުމުގެ އިތުރުން މާލޭ ސިޓީގައި ރޭގަނޑު 11 އިން ފަތިހު 4:30 އަށް ކާފިއު އިއުލާންކޮށް އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތަކީ އިރުއޮއްސި 6 އިން ހެނދުނު 6 އަކާ ދެމެދުކަން އަންގާ އިއުލާންކޮށްފައި ވެއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން އެތެރެވާ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ދިހަ ދުވަހުގެ މުއްދަތަކަށް ކަރަންޓީންވާން ޖެހޭނެއެވެ. އަދި ގްރޭޓާ މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ވެސް ކަރަންޓީންވާން ޖެހޭނެއެވެ.