އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހޭމްއާއި ޓޮޓެންހަމްއާ ވާދަކުރި މެޗު 2-1 އަކުން ވެސްޓް ހޭމް ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މި ސީޒަންގައި މުޅިން ތަފާތު ކުޅުމެއް ދައްކަމުން އަންނަ ވެސްޓް ހޭމުން ނެވެ. މި ގޮތުން، މެޗުގެ 5 ވަނަ މިނެޓްގައި އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވަޑް މިކެލް އެންޓޯނިއޯއެވެ.
0-1 އަކުން ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފް ފެށިތާ މާގިނަ އިރެއް ނުވެ ވެސްޓް ހޭމްއިން އިތުރު ލަނޑެއް ޖަހާ 2-0 އަކަށް ސްކޯ ހެދިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޖެނުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑުން ލޯނަށް ގެނައި ޖެސީ ލިންގާޑެވެ. މި ލަނޑަކީ ފުރަތަމަ އޮފްސައިޑް ލަނޑެއް ކަމަށް ރެފްރީ ދެއްކި ނަމަވެސް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވާރްއިން ވަނީ މިނިންމުން ބަދަލުކޮށް ލަނޑަކީ އޮފްސައިޑު ލަނޑެއް ނޫން ކަމަށް ނިންމާފައެވެ.
މެޗުގެ 64 ވަނަ މެޗުގައި ޓޮޓެންހަމްއިން ލަނޑެއް ޖަހާ ވެސްޓް ހޭމްގެ ލީޑު ހަނި ކުރި ނަމަވެސް ޓޮޓެންހަމްއިން އުފެއްދި ހުރިހާ ހަމަލާއެއް ނާކާމިޔާބުކޮށްލާ މެޗުން މޮޅުވީ ވެސްޓް ހޭމެވެ.
މިރޭގެ މެޗުން މޮޅުވެ ވެސްޓް ހޭމް މިވަނީ ލީގު ތާވަލުގެ ހަތަރު ވަނައަށް ޖެހިލާފައެވެ. އެއީ 25 މެޗު ކުޅެ 45 ޕޮއިންޓް ހޯދައިގެންނެވެ. އެޓީމާ އެންމެ ގާތުން ފަސްވަނައިގައި އޮތް ޗެލްސީއާއި ވެސްޓް ހޭމާއި ދެމެދު ދެ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
މި މެޗުން ބަލިވުމުން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯއަށް މިވަނީ އިތުރު ފިއްތުންތައް ކުރިމަތިވެފައެވެ. އޭނާގެ ޓީމު މިވަގުތު އޮތީ 36 ޕޮއިންޓާއި އެކު ތާވަލުގެ 9 ވަނައިގައެވެ.