އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށްގެންދާ އިހުތިޖާޖުގެ ތެރެއިން 2 މީހަކު ހައްޔަރުކޮށްފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ 'ދަ ޕްރެސް' އަށް އެކަން ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްލަތީފް މުހައްމަދު ހިމެނެއެވެ.

އިދިކޮޅުން މިއަދު އިހްތިޖާޖް ކުރަމުންދަނީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ. އެ ސަރަހައްދުގައި ގިނަ ބަޔަކު އެއްވެ އިހްތިޖާޖް ކުރަމުންދާއިރު އެސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިދިކޮޅުން އަންނަނީ މިފަހަކަށް އައިސް ކޮންމެ ދުވަހަކުހެން މަގުމަތީ އިހްތިޖާޖްތައް ކުރަމުންނެވެ.

އެ ކޯލިޝަންގެ ސިލްސިލާ އެއްވުންތަކާއި އިހުތިޖާޖުތަކަކީ ސުލްހަވެރި އިހުތިޖާޖު ތަކެއް ކަމަށާއި އިހުތިޖާޖުތައް ކުރިއަށް ގެންދަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އެޗްޕީއޭގެ އުސޫލުތަކާ ހިލާފަށް އެއްވުންތައް ބާއްވާ ނުވަތަ އެ އެއްވުންތަކުގައި ބައިވެރިވާ މީހުންނާމެދު ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް މާލެ ސިޓީ ފުލުހުންގެެ އިސްވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފު ވިދާޅުވީ އެފަދަ މީހުންނާ މެދު ވަގުތުން އަޅާނެ ފިޔަވަޅަކީ، އެއްވުންތައް ރޫޅާލުން ކަމަށާއި، ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރެވެން އޮތް އެންމެ ކުޑަ މިންވަރަކަށް ބާރުގެ ބޭނުން ވެސް ކުރާނެ ކަމަށެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު