އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ޑރ. މުހައްމަދު ޒާހިރު އައްޔަން ކޮށްފިއެވެ.

އެ މަގާމަށް ޑރ. ޒާހިރު އައްޔަން ކޮށްފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ މަގާމަށް އޭނާ އައްޔަންކޮށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި ލައި ދެއްވީ ހައި ކޯޓުގެ އިސް ފަނޑިޔާރު ހާފިޒް ހިލްމީ އެވެ.

ޑރ. ޒާހިރު ވަނީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން އެ ކޮމިޝަނުގެ ޑިރެކްޓަރެއްގެ މަގާމު ފުރުއްވުމުގެ އިތުރުން އޭނާ ވަނީ ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރެއްގެ މަގާމުވެސް އަދާ ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ޑރ. ޒާހިރު އައްޔަން ކުރުން / ފޮޓޯ: ރައީސް އޮފީސް

ޑރ. ޒާހިރަކީ ބެންކޮކްގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން (އެންއައިޑީއޭ) އިން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ. ޒާހިރު ވަނީ މެލޭޝިއާގެ އޯޕަން އުނިވާސިޓީން މާސްޓާސް އިން ބިޒްމަސް އެޑްމިނިސްޓްރޭޝަން ވެސް ހާސިލު ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ، މިދިޔަ ނޮވެމްބަރު މަހު 19 ގައެވެ. އޭނާ އިސްތިއުފާ ދެއްވީ އީސީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފައި ވަނިކޮށެވެ.