އިންޑިއަން އެގްޒިމް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫސިޓީގައި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރުމާއި މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ

"ޑިޒައިން އެންޑް ބިލްޑް ފޯ ދަ ކޮންސްޓްރަކްޝަން އޮފް ކޯޑްސް އެންޑް ޑްރައިނޭޖް އިން އައްޑޫ ސިޓީ"ގެ ނަމުގައި ހިންގާ މި މަޝްރޫއަށް ފަނޑު ކުރަނީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޔޫއެސް ޑޮލާ ލައިން އޮފް ކްރެޑިޓް ފެސިލިޓީންނެވެ. މި މަޝްރޫއުގެ އަގަކީ 77.6 މިލިއަން ޔޫއެސް ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 1.1 ބިލިއަން ރުުފިޔާއެވެ.

730 ދުވަހުގެ ތެރޭގައި ނިންމުމަށް މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ފެން ހިންދުމާއި، މަގު ހެދުމުގެ އިތުރުން 4 ލޭނުގެ ޑީޓުއާ ލިންކް ރޯޑެއް ގާއިމް ކުރުމެވެ.

ފެން ހިންދުން ނުވަތަ ސްޓޯމް ވޯޓާ ޑްރެއިނޭޖްގެ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީގައި ފެންބޮޑުވުމުގެ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އައްޑޫ ސިޓީ ފޭދޫ ފިޔަވައި އެހެން ހުރިހާރަށެއްގައި (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ) ފެން ހިންދާ ނިޒާމް ގާއިމު ކުރާނެއެވެ. އެގޮތުން، ގާއިމް ކުރާ ފެންހިންދާ ނިޒާމުގެ ޖުމްލަ ދިގުމިނަކީ ގާތްގަނޑަކަށް 10 ކިލޯމީޓަރެވެ.

އައްޑޫ މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރުން / ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެއެވެ. ތާރު އަޅަން ކަނޑައަޅާފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯ މީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލެއާ އަޅަން ވަނީ ހަމަޖެހިފައިވެއެވެ.

މި ސީއެސްބީ ލޭޔާގެ މަގްސަދަކީ ގާއިމް ކުރާ ފެންހިންދާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިވުމެވެ. ހަމައެއާއެކު މިހާރު ތާރުއަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމްލަ 3.4 ކިލޯމީޓަރު މަގުގެ ރީސާފޭސިން މަސައްކަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ތަރައްގީ ކުރާ މަގުތަކުގައި މަގުބައްތި، ސީސީޓީވީ ކެމަރާ އަދި އެހެނިހެން ޓްރެފިކް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ގާއިމް ކުރާނެއެވެ.

ޑީޓުއާ 4 ލޭން ލިންކް ރޯޑް އަޅާނީ އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުން ކުރަމުން ދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާ ގުޅާލުމަށްޓަކައެވެ. މި މަޝްރޫއުގެ ދަށުން 1.463 ކިލޯ މީޓަރުގެ އާ 4 ލޭނުގެ ޑީޓުއާ ލިންކް ރޯޑެއް ގާއިމް ކުރާނެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ރަވީ ޕްރަކާޝް އެވެ.