ކޮވިޑް-19 ޖެހި ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް ކޮއްޔަ ހަސަންމަނިކު މަރުވެއްޖެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި ކޮއްޔަ ހަސަންމަނިކު މަރުވި އިރު، އޭނާގެ އާއިލާގެ އިތުރު މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮއްޔަ ހަސަންމަނިކު މި ފަހުން އުޅުނީ ވަރަށް ބަލިކޮށް ކަމަށާއި އޭނާ ޑައިލަސިސް ވެސް ހަދަމުން ގެންދެއެވެ.

ކޮއްޔަ ހަސަންމަނިކު މަރުވި އިރު ދުނިޔޭގައި އޭނާގެ 5 ކުދިން އެބަ ތިއްބެއެވެ.

ގިނަ އަދަދެއްގެ ފިލްމާއި ޑްރާމާ ކުޅެފައިވާ ކޮއްޔަ ހަސަންމަނިކަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ކުރީގެ ފިލްމީ ތަރި މޫސާ މަނިކު (ރީކޯ މޫސަ) ވެސް ވަނީ ޓްވީޓެއް ކުރައްވާ އޭނާއާއި ހަސަންމަނިކުގެ ގާތްކަމުގެ ވާހަކަ ދައްކަވާފައެވެ.

ކޮވިޑް ޖެހި ހަސަން މަނިކު މަރުވި އިރު ރޭ ވަނީ ކޮވިޑް-19 ޖެހިގެން އުމުރުން 63 އަހަރުގެ އަންހެނަކު މަރުވެފައެވެ.

ރާއްޖެއިން ކޮވިޑް ފެނުނު ފަހުން، އެ ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 60 އަށް އެރީއެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 53 ދިވެހިންނާއި 7 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ފިލިޕީންސް މީހެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި 60 މީހުންގެ ތެރެއިން 58 މީހަކު މާލެ ސަރަހައްދުގައި މަރުވެފައި ވާއިރު، 2 މީހަކު މަރުވީ އަތޮޅު ތެރޭގެ ރަށްތަކުންނެވެ.

މީގެ އިތުރުން، އެޗްޕީއޭއިން ބުނެފައި ވަނީ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ 7 މީހަކު މަރުވެފައި ވާއިރު އެއީ ކޮވިޑް މަރު ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ. ހަމައެއާއެކު ދުބާއީގައި ހުއްޓާ ކޮވިޑް ޖެހިގެން ދިވެއްސަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭގެ އިތުރުން ރާއްޖޭގައި ދޭން ފަށާފައިވާ ކޮވިޝީލްޑް ވެކްސިން ދިން ފަހުން، އުމުރުން 93 އަހަރުގެ މީހަކު އިއްޔެ ވަނީ މަރުވެފައެވެ. އެޗްޕީއޭއީން ބުނީ އިއްޔެ މަރުވި މީހާއަކީ ވެކްސިން ދިން ފަހުން ރާއްޖޭގައި މަރުވި ފުރަތަމަ މީހާ ކަމަށެވެ. އެޗްޕީއޭއިން ބުނީ އެމީހަކީ، ގިނަ ބަލިތަކަށް ބޭސް ކުރަމުން ދާ މީހެއް ކަމަށާއި، ބަލީގެ ސަބަބުން އެދުމަތިވެފައި އޮންނަތާ 10 އަހަރު ވެފައި ވާ މީހެއް ކަމަށެވެ.