ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފުވައްމުލައް ސިޓީގައި އަޅާފަައިވާ ފިޔަވަޅުތައް އިތުރު ހަތް ދުވަހަށް ދަންމާލައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުއްވި އެންގުމުގައި ބުނެފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު ހަތް ދުވަހުގެ މުއްދަތަށް އިތުރު ކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު ފުވައްމުލައް ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ހަމަވާ މުއްދަތަކީ މި މަހުގެ 27 އެވެ.

އެ ސިޓީގައި މިހާރު ދަނީ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދު ކާފިއު ހިންގަމުންނެވެ. ކާފިއު ވަގުތުގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނައެވެ.

އެޗްޕީއޭން ވަނީ އެރަށުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލަން އަންގާ އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓައިލުމަށް ވެސް އަންގާފައެވެ. މީގެ އިތުރުން އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުމަށް ވެސް އެޖެންސީން ވަނީ އަންގާފައެވެ.

އެޗްޕީއޭން ވަނީ ފުވައްމުލަކު ސިޓީގައި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލަން އަންގާފައެވެ. އަދި މީގެ އިތުރުން ސެލޫންތަކާއި، ޖިމްތަ ކާއި، ބޯކޮށާ ތަންތަން މިހާރުން މިހާރަށް ބަންދުކޮށް ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށް ވެސް އެޗްޕީއޭން ވަނީ އަންގާފައެވެ. އެޗްޕީއޭން ބުނެފައިވަނީ ފުވައްމުލަކުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެ އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތާއި ޓެކްސީގެ ހިދުމަތް ދިނުމަށް އަންގާކަމަށެވެ.

ފުވައްމުލަކުގައި ކޮވިޑްގެ ކޭސްތައް ފެންނަމުންދާ މިދަނޑިވަޅުގައި، އެޗްޕީއޭން ވަނީ އެރަށުގައި ހުންނަ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް ވެސް އަންގާފައެވެ. އަދި .ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓާލުމަށް ވެސް އެޗްޕީއޭން އަންގާފައިވާ އިރު އެޖެންސީން ބުނެފައިވަނީ މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނޭ ކަމަށެވެ.

މިހާތަނަށް އެރަށުން 33 ކޮވިޑް ކޭސް ފެނިފައިވާ އިރު އިސްލާމިކް މިނިސްޓްރީން ވަނީ ފުވައްމުލަކުގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން ހުއްޓާލަން އަންގާފައެވެ.