މިޔަންމާގެ އަސްކަރިއްޔާއިން މި މަހު ކުރީކޮޅު ކުރި ބަޣާވާތާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށް، ބޮލަށް ބަޑީގެ ހަމަލާއެއް އަމާޒުވި 20 އަހަރުގެ ޒުވާނާ މަރުވެއްޖެއެވެ.

ޒުވާން އަންހެން ކުއްޖާއަށް 20 އަހަރު ފުރުނީ ބަޑީގެ ހަމަލާ އަމާޒު ވި ފަހުންނެވެ.

މިއާ ތޯވް ތޯވް ހައީންގްގެ ބޮލަށް ބަޑީގެ ހަމަލާ އަމާޒުވީ، މުޒާހަރާތައް ރޫޅާލުމުގެ ނަމުގައި ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ތެރޭގައެވެ. ފެން ބަޑިއާއި ރަބަރު އުންޑަ އަދި ލައިވް ވަޒަން ބޭނުން ކޮށްގެން މުޒާހަރާ ރޫޅާލުމަށް ފުލުހުން ހަރަކާތްތެރި ވަމުން ދިޔައިރު، މިއާގެ ބޮލަށް ބަޑީގެ ހަމަލާ އަމާޒުވެ، ޒަހަމްވީ މިދިޔަ ހަފުތާގައެވެ.

ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއާގެ ބޮލަށް އަރާފައިވަނީ ލައިވް ވަޒަނެކެވެ.

މިއާ މަރުވިކަމަށް ހޮސްޕިޓަލުން ބުނަނީ މިއަދު ފަތިހު، ޖީއެމްޓީ ގަޑިން 04:30ގައެވެ. މިއާގެ ޖަނާޒާ އޮންނާނީ އާދީއްތަ ދުވަހު ކަމަށް ހަބަރު ލިބެއެވެ.

ޑޮކްޓަރަކާ ހަވާލާދީ އޭއެފްޕީއިން ބުނީ، މިއާއަށް އިންސާފު ހޯދާ ދިނުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. އަދި އިންޓެންސިވް ކެއާ ޔުނިޓަށް މިއާ ބަދަލު ކުރި ފަހުން، ސްޓާފުން ވަރަށް ބޮޑު ޕްރެޝަރަކަށް ވެއްޓުނު ކަމަށްވެސް ޑޮކްޓަރު ވަނީ ފާހަގަ ކޮށްފައެވެ.

މިޔަންމާގެ "ކަމާބެހޭ ފަރާތްތަކުން" ބުނީ، މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.