ޏ. ފުވައްމުލަކުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ބުދަދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ރޭ 9:00އާ ހަމައަށް އިތުރު މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހެއް ކަމަށެވެ.
މި ކޭސްއާއެކު ފުވައްމުލަކުގެ އެކްޓިވް ކޭސްގެ އަދަދު މިހާރު ވަނީ 27 އަށް އަރާފައެވެ. ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހައި ރިސްކު 45 މީހަކާއި ބަލީގެ އަލާމަތްތައް ހުރި 12 މީހަކު ވެސް ފާހަގަ ކުރެވިފައި ވެއެވެ. އޭގެ ތެރެއިން އެކަކު އައްޑޫ ސިޓީއަށް ގޮސްފައި ވާއިރު ފުވައްމުލަކުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަު ވަނީ 33 އަށް އަރާފައެވެ.
އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ފަސް މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.
ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ފުވައްމުލަށް މޮނީޓަރިންގެ ހާލަތުގައި އޮތް އިރު، ހަތް ދުވަހުގެ މުއްދަތަށް ކޮންމެ ރެޔަކު 8 އިން ފެށިގެން ފަތިހު 4 އަށް އެ ރަށުގައި ދަނީ ކާފިއު ހިންގަމުންނެވެ.
ކޮވިޑްގެ ކޭހެއް ފުރަތަމަ އެ ސިޓީން ފެށުނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހެވެ. ޕޮޒިޓިވްވި މީހަކީ ދުބާއިން އައިސް ފުވައްމުލައް ސިޓީގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓެކެވެ. މީގެ އިތުރުން އެރަށު ފްލޫ ކްލިނިކަށް ދައްކަން ދިޔަ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.