ދުނިޔޭގެ އެންމެ ވަރުގަދަ ސޯޝަލް ނެޓްވޯކްގެ ގޮތުގައި ސިފަ ކުރަމުން އަންނަ ފޭސްބުކް (އެފްބީ) ޕްލެޓްފޯމް މެދުވެރިކޮށް، ހަބަރު ސައިޓްތަކަށް ވަދެ، އެ ހަބަރުތައް ހިއްސާ ކުރުމުގެ ފުރުސަތު އޮސްޓްރޭލިއާއަށް ބަންދު ކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނަށް އަލިވިލުނުއިރު، އޮސްޓްރޭލިއާއަށް ނިސްބަތްވާ ފޭސްބުކްގެ އެއްވެސް އެކައުންޓަކުން، ހަބަރު ޕޭޖުތަކަކަށް ނުވަދެވެއެވެ. ދޭސީ އަދި ބިދޭސީ ހަބަރު ޕޭޖުތަކަށްވެސް ނުވަދެވޭ ކަމަށް މައުލޫމާތު ލިބެއެވެ.

ސަރުކާރުގެ ސިއްހީ އަދި ކުއްލި ނުރައްކަލާ ބެހޭ ޕޭޖުތަކެއްވެސް ބްލޮކް ކުރިއެވެ. ނަމަވެސް އެއީ އެރި "އޮޅުމެއް" ކަމަށް ފޭސްބުކް އިން ފަހުން ވަނީ ބުނެފައެވެ.

ކަން މިހެން އޮތްއިރު، ފޭސްބުކް ޕްލެޓްފޯމް މެދުވެރިކޮށް، އޮސްޓްރޭލިއާގެ އެއްވެސް ހަބަރު ޕޭޖަކަށް، ދުނިޔޭގެ އެއްވެސް މަންޒިލަކުންވެސް ނުވަދެވޭ ގޮތް ވަނީ ހަދާފައެވެ. އަދި އޮސްޓްރޭލިއާގައި ހިންގާ ނިއުސް އޭޖެންސީތަކަށް ފޭސްބުކްގައި އެއްވެސް ޕޯސްޓެއް ނުކުރެވޭ ގޮތްވެސް ވަނީ ހަދާފައެވެ.

ފޭސްބުކް އިން އޮސްޓްރޭލިއާގެ ހަބަރު ޕޭޖެއް ބްލޮކް ކޮށްފައި / ފޮޓޯ: ނިއުސް7

އޮސްޓްރޭލިއާގެ ސަރުކާރުން ބުނީ، ހަބަރު ޕޭޖުތަކަށް ނުވަދެވޭ ގޮތަށް ފޭސްބުކްއިން ނިންމި ނިންމުމަކީ، އެ ކުންފުނީގެ ސައްހަ ކަމާ މެދު ސުވާލު އުފައްދާ ކަމެއް ކަމަށެވެ.

ފޭސްބުކް އިން މިފަދަ ނިންމުމެއް ނިންމީ، އެ ޕްލެޓްފޯމް މެދުވެރިކޮށް ހިއްސާކުރާ ހަބަރުތަކުން ހާއްސަ ފީއެއް ނެގުމަށް ބާރުދޭ ގާނޫނެއް، އޮސްޓްރޭލިއާއިން ފާސްކުރުމަށް މަސައްކަތް ކުރާތީ ކަމަށް މައުލޫމާތު ލިބެއެވެ.

ފޭސްބުކްގެ އިތުރުން ގޫގްލް ފަދަ ކުންފުނިތަކުން ވަނީ، މި ގާނޫނަކީ އިންޓަނެޓްގެ ހަގީގީ ރޫހާ ހިލާފު ގާނޫނެއް ކަމަށާ، މިފަދަ އުޖޫރައެއް ދައްކަން ޖެހުމަކީ އިންސާފެއް ނޫން ކަމަށް ބުނެފައެވެ.

ނަމަވެސް އޮސްޓްރޭލިއާއިން ވަނީ މި ގާނޫނަށް ދޫ ނުދޭނެ ކަމަށް ބުނެފައެވެ. އެގޮތުން، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން، ބުދަ ދުވަހުގެ ވަގުތެއްގައި މި ގާނޫނު ފާސް ކޮށްފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފޭސްބުކް ކުންފުނީގެ ޗެއާމަން އަދި އެންމެ ބާރުގަދަ ހިއްސާދާރު މާކް ޒަކަބާގް/ފޮޓޯ: ބަޒްފީޑް

ފޭސްބުކްއިން އޮސްޓްރޭލިއާގައި ހަބަރު ޕޭޖުތައް ބްލޮކް ކުރުމާއެކު، ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. ކުއްލި ގޮތަކަށް، ހަބަރާއި މައުލޫމާތުގެ މަސްދަރުތައް ބަންދުވީތީއެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި ފޭސްބުކްއިން މިފަދަ ނިންމުމެއް ނިންމީތީ ހައިރާން ވާ ކަމަށްވެސް އޮސްޓްރޭލިއާގެ ރައްޔިތަކު ވަނީ ބުނެފައެވެ. މިއާއެކު ފޭސްބުކް އެކައުންޓް، ތާ އަބަދަށް ޑިލީޓް ކުރުމުގެ ވިސްނުން އެބަ އޮތް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުންދާ ހިއުމަން ރައިޓްސް ވޮޗްއިން ވަނީ، މިއީ ނުރައްކާ ފިޔަވަޅެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. ރޭގަނޑުގެ ވަގުތުގައި މިފަދަ ފިޔަވަޅެއް އެޅުމަކީ، ދެކޮޅު ޖެހޭ ނިންމުމެއް ނޫން ކަމަށް، ހިއުމަން ރައިޓްސް ވޮޗްގެ އޮސްޓްރޭލިއާ ޑައިރެކްޓާ، އެލެއިން ޕިއާސަން ވަނީ ސިފަކުރައްވާފައެވެ.