ފުވައްމުލަކު ސިޓީން އިތުރު 4 ކޭސްއެއް ފެނި އެ ރަށުން ފެނުނު ކޮވިޑް ކޭސްގެ އަދަދު 27 އަށް އަރައިފިއެވެ.
ރޭ އެޗްއީއޯސީން ބުނީ ފުވައްމުލަކުން އިތުރު 4 ކޭސްއެއް ފެނިފައިވާ ކަމަށެވެ. އަދި މިހާރު އެ ރަށުން ފެނުނު ކޭސްތަކުގެ އަދަދު 27 އަށް އަރާފައިވާ ކަމަށެވެ. އިއްޔެ 4 ކޭސް ފެނިފައި ވީ ނަމަވެސް އެއީ ކޮން ކްލަސްޓާއަކާ ގުޅިގެން ފެނުނު ކޭސްތަކެއް ކަމެއް އެޗްއީއޯސީން ހާމައެއް ނުކުރެއެވެ.
ފުވައްމުލަކު ސިޓީން ކޭސްތަކެއް ފެނިފައިވާ އިރު އެރަށުން ފެނުނު ކޭސްތަކުގެ ތެރޭގައި ދުބާއީން އައި މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އޭނާގެ ކޮންޓެކްޓުންގެ ތެރެއިން ބަޔަކު ޕޮޒިޓިވްވެ ވަނީ ކްލަސްޓާއެއް އުފެދިފައެވެ.
ކޮވިޑް-19 ގެ ކޭސްތައް ގިނަވަމުން ދާތީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ރޭގަނޑު 08:00 އަކުން ފަތިހު 04:00 އަކަށް ކާފިއު ހިންގަން ވަނީ އެޗްޕީއޭއިން އިއުލާން ކޮށްފައެވެ. އެޗްޕީއޭން ވަނީ އެރަށުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓާލަން އަންގާ އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުމަށް ވެސް އަންގާފައެވެ.
މީގެ އިތުރުން އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް އެ އެޖެންސީން ވަނީ އަންގާފައެވެ. ފުވައްމުލަކު ސިޓީގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލަން ވެސް ވަނީ އަންގާފައެވެ. އަދި މީގެ އިތުރުން ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން މިހާރުން މިހާރަށް ބަންދުކޮށް ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުމަށް ވެސް އެޗްޕީއޭން ވަނީ އަންގާފައެވެ.